ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މުސޫމީ ބަދަލުތަކާއި، ތިމާވެއްޓާއި، ޓެރަރިޒަމާއި، ސެކިއުރިޓީ ރިފޯމާބެހޭގޮތުން، އީޔޫ އާއެކު މަޝްވަރާ ކޮށްފި

މުސޫމީ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމުގެ އިތުރުން ކައުންޓަ ޓެރަރިޒަމާއި، ސެކިއުރިޓީ ރިފޯމާބެހޭގޮތުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ރާއްޖެއާ ދެމެދު މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އީޔޫ ކޮމިޝަންގެ ނައިބް ރައީސް ފެޑްރިކާ މޯގްރެނީއާ ބެލްޖިއަމްގެ ބްރޫސަލްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުކުރެއް ވުމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި އީޔޫ އާއި ރާއްޖެއާ ދެމެދު ކުރެވިދާނެ އިތުރު ކަންތައްތަކުގެ އިތުރުން ރާއްޖެއަށް ލިބެމުން އަންނަ ޑިމޮކްރަސީގެ ކުރިއެރުންތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި މޯގްރެނީއާ ވަނީ ރާއްޖެއިން ޑިމޮކްރެސީ ހަރުދާނަ ކުރުމަށާއި، ގުޑް ގަވަރނަންސްގެ އުސޫލު ދަމަހައްޓަން ކުރަމުން އަންނަ މަސައްކަތަށް މަރުހަބާ ވިދާޅުވެފައި ކަމަށެވެ. މީގެ އިތުުރުން އިޔޫއާއި ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލު ކުރެއްވުމުގައި، ރާއްޖެ އާއި އީޔޫގެ މަތީ ފަންތީގެ ބޭފުޅުންގެ މެދުގައި ކޮންމެ އަހަރަކުވެސް ބައްދަލުވުން ތަކެއްް ބޭއްވުމަށް ވަނީ ދެ ފަރާތުން އެއްބަސްވެފައި ކަމަށެވެ.