އީޔޫ ކޮމިޝަންގެ ވައިސް ޕްރެސިޑެންޓް އަދި އީޔޫ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ ފެޑްރިކާ މޮގެރިނީއާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.
މިއަދު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ އީޔޫއިން ރާއްޖެއާ ދެކޮޅަށް އެޅި ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުން ކުރިއަށްދިޔަ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ޑިމޮކްރަސީއާއި ސޯޝިއޯ-އިކޮނޮމިކްގެ ކުރިއެރުން މިހާރު ހުރި މިސްރާބަށް ދިއުމަށް އީޔޫގެ އެއްބާރުލުން ލިބޭނެކަމަށް ފެޑްރިކާ ވިދާޅުވިއެވެ. އަދި އީޔޫ އާއި ރާއްޖެއާ ދެމެދު ކުރިއައްއޮތްތާ މަދުވެގެން އަހަރަކު އެއްފަހަރު މަޝްވަރާ ބައްދަލުވުން ކުރިއަށްގެންދާނެ ކަމަށް ފެޑްރިކާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކައުންޓަރ ޓެރަރިޒަމާ ރާއްޖޭގެ ސަލާމަތީ ކަންކަމަށް ގެންނަ އެކި ބަދަލުތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެކި ގޮންޖެހުންތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޝާހިދު ބެލްޖިއަމްއަށް ފުރާވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު އެވެ.