ރ. މަޑުއްވަރީގައި ފުލުހަކަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު މަޑުއްވަރީގައި ފުލުހަކަށް ހަމަލާދީ، މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވުނު ދެވަނަ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިރޭ 7:57 ހާއިރު ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރެވުނު ދެވަނަ މީހަކީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ. ކުރިން ވެސް އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެ ރަށު ޕިކަޕެއް ބޯޑު ހަރުނުކޮށް، ލައިސަންސް ނެތް މީހުން ދުއްވަމުންދާތީ ނަސޭހަތްތެރިވެ، ޖޫރިމަނާ ކުރުމުންވެސް އެކަން ރަނގަޅު ނުކޮށް ދުއްވަމުންދާތީ އެ ޕިކަޕު ޓޯ ކުރެވުނު ކަމަށާއި އެ ޕިކަޕު ޓޯ ކުރުމަށްފަހު ޕިކަޕު ބަލާ އައުމަށް އޭގެ ވެރިފަރާތަށް އެންގުނު ކަމަށެވެ. އަދި މާރާމާރީ ހިންގާފައިވަނީ ޕިކަޕުގެ ވެރިފަރާތުން ރެޖިސްޓަރީ ބޯޑު ހިފައިގެން ބަޔަކާއެކު ޕިކަޕު ބަލައި ޕޮލިސް ސްޓޭޝަނަށް އައިސް، ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އިއްޔެ މާލޭގައި ވެސް ވަނީ ފުލުހަކަށް ހަމަލާދީ، މާރާމާރީ ހިންގައިފައެވެ. އިއްޔެ މެންދުރު 1:14 ހާއިރު ކުޑަކުއްޖަކު ގޮވައިގެން އަމީނީ މަގުން ކޯރުކެނޑި މަގަށް ވަންވޭއާ ދެކޮޅަށް ދުއްވާފައި ދިޔަ މީހަކަށް ނަސޭހަތްތެރިވުމުން، ނަސޭހަތްތެރިވި ފުލުސް މީހާއަށް އޭނާ ހަމަލާދީ، ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެ މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ.