އައްޑޫ ސިޓީގައި މޯލްޑިވްސް ހެރިޓެޖް ސާރވެގެ މަސައްކަތް ފަށައިފިއެވެ.
މި މަހު 23 ގައި ހެރިޓެޖް ސާވޭގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ސާރވޭ ކުރާ ޓީމުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރެއްވުމަށްފަހުއެވެ. އައްޑޫ ސިޓީގެ ހުރިހާ އާސާރުތަކެއް ކިތާބު ކުރުމަށް ހަމަޖެހިފައިވާ މި ސާރވޭގައި ފުރަތަމަ ބަލަން ފަށާފައި ވަނީ ރާއްޖޭގައި ހުރި އާސާރީ އެންމެ ބޮޑު އެއް ސަރަހައްދު ކަމަށްވާ އައްޑޫ ސިޓީމީދޫ ކޯގަންނު ގަބުރުސްތާނެވެ. ހެރިޓެޖް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އައްޑޫގައި ހުރި ހުރިހާ އާސާރީ ތަންތަނެއް ބަލައި ދިރާސާ ކުރުމަށް ތިން މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތެއް ސާރވޭ ޓީމުން އައްޑޫގައި ހޭދަކުރާނެއެވެ.
އައްޑޫ ސިޓީ ކޯގަންނު ސަރަހައްދުގައި ގަބުރުސްތާނުގެ އިތުރުން ކޯގަންނު މެދު ޒިޔާރަތާއި ކޯގަންނު މިސްކިތް ހިމެނެއެވެ. މި ސާރވޭގެ ތެރެއިން މި ހުރިހާ ތަނެއް ބަލައި ކިތާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެރިޓެޖް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ މޯލްޑިވްސް ހެރިޓޭޖް ސާރވޭ އަކީ ރާއްޖޭގެ އިދާރީ އަށް އަތޮޅެއްގައި ހުރި މާއްދީ އާސާރީ ތަރިކައާ ގުޅޭ ގޮތުން މައުލޫމާތު އެއްކޮށް ކިތާބުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ސާރވޭއެކެވެ. މި އަށް އަތޮޅުގައިވާ އާސާރީ މިސްކިތްތަކާއި، މަހާނަގާތައް، ހަވިއްތަ ފަދަ ތަންތަން އަދި ތަރީހީ ބިނާތަކާއި ތަކެއްޗާ ބެހޭ މައުލޫމާތު މި ސާރވޭގެ ތެރެއިން ކިތާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފޮޓޯ، ވީޑިއޯ އަދި 3D ޓެރެސްޓްރިއަލް ސްކޭން އާއި ޖިއޮގްރެފިކަލް އިންފޮމޭޝަން ސިސްޓަމް (ޖީއައިއެސް) ގެ ޒަރިއްޔާއިން މައުލޫމާތު ރައްކާކުރަން ހަމަޖެހިފައިވާ ކަމަށް ހެރިޓެޖުން މައުލޫމާތު ދެއެވެ.
އާކޭޑިއާ ފަންޑު ކުރާ މި ސާރވޭ ކުރިއަށް ގެންދިއުމުގައި އިސްކޮށް ހުންނަވާނީ އޮކްސްފޯޑް ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒްގެ ފަރާތުން ޑރ.މައިކަލް ފީނަރ އެވެ. މިދިޔަ އަހަރުން ފެށިގެން ކުރިއަށްދާ މި ސާރވޭގައި މިހާތަނަށް ލ އަތޮޅު، ޏ އަތޮޅު އަދި ކ އަތޮޅު މާލޭގައި ހިމެނޭ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި ވާ އާސާރީ ތަންތަން ބަލައި ކިތާބުކޮށްފައިވެއެވެ.