ޚަބަރު

ރ. މަޑުއްވަރީގައި ފުލުހެއްގެ ކަރުގައި ހިފައި، މާރާމާރީ ހިންގައިފި

ރ. މަޑުއްވަރީގައި ފުލުހެއްގެ ކަރުގައި ހިފައި، މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ބުނީ ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހެއްގެ ކަރުގައި ހިފައި، މިއަދު މާރާމާރީ ހިންގާފައިވާ ކަމަށާއި އެ މައްސަލައިގައި 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ރަށު ޕިކަޕެއް ބޯޑު ހަރުނުކޮށް، ލައިސަންސް ނެތް މީހުން ދުއްވަމުންދާތީ ނަސޭހަތްތެރިވެ، ޖޫރިމަނާ ކުރުމުންވެސް އެކަން ރަނގަޅު ނުކޮށް ދުއްވަމުންދާތީ އެ ޕިކަޕު ޓޯ ކުރެވުނު ކަމަށާއި އެ ޕިކަޕު ޓޯ ކުރުމަށްފަހު ޕިކަޕު ބަލާ އައުމަށް އޭގެ ވެރިފަރާތަށް އެންގުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގާފައިވަނީ ޕިކަޕުގެ ވެރިފަރާތުން ރެޖިސްޓަރީ ބޯޑު ހިފައިގެން ބަޔަކާއެކު ޕިކަޕު ބަލައި ޕޮލިސް ސްޓޭޝަނަށް އައިސް، ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށެވެ.

އިއްޔެ މާލޭގައި ވެސް ވަނީ ފުލުހަކަށް ހަމަލާދީ، މާރާމާރީ ހިންގައިފައެވެ. އިއްޔެ މެންދުރު 1:14 ހާއިރު ކުޑަކުއްޖަކު ގޮވައިގެން އަމީނީ މަގުން ކޯރުކެނޑި މަގަށް ވަންވޭއާ ދެކޮޅަށް ދުއްވާފައި ދިޔަ މީހަކަށް ނަސޭހަތްތެރިވުމުން، ނަސޭހަތްތެރިވި ފުލުސް މީހާއަށް އޭނާ ހަމަލާދީ، ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެ މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ.