ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަމަސް ފަހުން އިންޑިއާގެ ޑޮކްޓަރަށް ދެއްކުމަށް ލަފާ ދީފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ޓައިމްސް އޮފް އިންޑިއާއަށް އިންޓަވިއު ދިން އަދީބުގެ ޑޮކްޓަރު ވަރްދްމާން ކަންކަރިޔާ ވިދާޅުވީ ޖޫން 18 އާއި ޖޫން 24 އާ ދެމެދު ގްލޫކޯމާއަށް ފަރުވާ ހޯދުމަށް ތިން ފަހަރު މަތިން އަދީބު ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި ހަ މަސް ފަހުން ފޮލޯއަޕް ޓްރީޓްމަންޓަކަށް އިންޑިއާއަށް އައުމަށް އަދީބަށް ލަފާ ދީފައިވާނެ ކަމަށް ޑޮކްޓަރު ވަރްދްމާން ވިދާޅުވިއެވެ.
ދަ ޓައިމްސް އޮފް އިންޑީއާއަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވެސް ވަނީ އިންޓަވިއުއެއް ދެއްވާފައެވެ. ނަޝްވާ ވިދާޅުވީ އަދީބަށް ގްލޫކޯމާ ކެހިފައިވާކަން 2017 ގައި އެނގުނު ނަމަވެސް އެކަށީގެންވާ ފަރުވާއެއް ރާއްޖެއިން ލިބިފައި ނުވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި ރާއްޖެއިން ބޭރަށް ފަރުވައަށް އަދީބު ދިޔަ ނުދީ ހިފަހައްޓާފައިވާ ކަމަށް ނަޝްވާ ވިދާޅުވިއެވެ. ނަޝްވަ ވިދާޅުވީ އިންޑިއާގެ އޭޝިއަން އައި ކްލިނިކަށް އަދީބު ޑޮކްޓަރަށް ދެއްކުމަށް އައުމުގެ ހުއްދަ ލިބުނީ ރާއްޖޭގެ ސަރުކާރު ބަދަލުވުމާ ގުޅިގެން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދީބުގެ މައްޗަށް ކޮރަޕްޝަނާއި ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައެވެ. އެގޮތުން އެކި މައްސަލަތަކުގައި އަދީބު މައްޗަށް 33 އަހަރުގެ ޖަލުގެ ހުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް އަދީބުގެ މައްޗަށްކޮށްފައިވާ ހުރިހާ ހުކުމެއް އެކި ފަހަރުމަތިން ބާތިލް ކުރިއެވެ.
މިމަހުގެ 14 ވަނަ ދުވަހު ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ މިމަހުގެ 25 ވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަންނަވާ ގޮތަށެވެ. ނަމަވެސް ބޭސްފަރުވާގެ ކަންކަން ފުރިހަމަނުވާތީ، އާއިލާގެ އެދުމުގެ މަތިން ބާސްފަރުވާއަށް ދޫކޮށްފައިވާ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ އިތުރުކޮށްދީފައެވެ. ބޭސްފަރުވާއަށް އަދީބު ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްފައިވަނީ މިފެށޭ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.