ހުސެއިން އަމްރު

ސްބްސިޑަރީގައި ތިބެގެން ޚިޔާނާތުގެ އަމަލުތައް ހިންގުމުން އެސްޓީއޯގެ ހެޑަކަށް ބަދަލުކޮށްފައި އެބަހުރި: އަމްރު

އެސްޓީއޯގައި ކުރީން ހިންގާފައި ހުރި ޚިޔާނާތާ ގުޅޭ މައްސަލަތަކުގައި، ސަބްސިޑަރީ ކުންފުނިތަކުގައި އުޅޭ މުވައްޒަފުން އެފަދަ އަމަލެއް ކުރުމުން އެސްޓީއޯގެ ހެޑް އޮފް ޑިޕާޓްމެންޓަށް ވެސް ބަދަލުކޮށްފައި އެބަ ހުރި ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިންގް ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު މިހެން ވިދާޅުވީ، ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާ 2019 "ސްޓްރެންތެނިންގ އޮފް ކޯޕަރޭޓް ގަވަރނަންސް" ގެ ތެރޭގައި ވާހަކަދައްކަވަމުންނެވެ.

އަމްރު ވިދާޅުވީ އެސްޓީއޯގައި ކުރީން ހިންގާފައި ހުރި ޚިޔާނާތުގެ މައްސަލަތަަކަށް ބަލާ އިރު އެތައް މިލިއަން ރުފިޔާއެއް ހިމެނޭ ބޮޑެތި މައްސަލަތައް ކުންފުނީގައި އޮންނަ އިންޓާނަލް އޮޑިޓް ޑިޕާޓްމެންޓުން ފާހަގަކުރުމުން، ބޯޑުގެ އޮޑިޓް ކޮމެޓީން އެފަދަ މައްސަލަތައް މެނޭޖްމެންޓުގެ ސަމާލުކަމަށް ގެނައި ނަމަވެސް، ފިޔަވަޅު ނާޅައި އެބަ ހުރިކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ.

އަމްރު ވިދާޅުވީ އެސްޓީއޯގައި އޮންނަ އުސޫލުން އިންޓާނަލް އޮޑިޓަރު ރިޕޯޓުކުރާނީ ސީދާ ބޯޑުގެ އޮޑިޓް ކޮމެޓީއަށް ކަމަށާއި ކުންފުނި ހިންގުމުގެ ހުރިހާ ކަމެއް ހުންނާނީ ކޯޕަރޭޓް ގަވަނެންސް އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

"އެހެން ނަމަވެސް އޮޑިޓް ކޮމެޓީން މެނޭޖްމެންޓަށް ފިޔަވަޅު އަޅަން ފޮނުވީމަ ފިޔަވަޅު ނާޅައި އެބަހުރި. އެހެން 2016، 2017 އަދި 2018 ގައިވެސް ބޮޑެތި ބައިވަރު ކޭސްތައް އެބަހުރި. އޭގެ ތެރޭގައި 40 މިލިއަން ރުފިޔާއާއި އެޔަށްވުރެ ބޮޑެތި އަދަދުތައް ވެސް އެބަހުރި ޚިޔާނާތްތެރިވެފަ ހުރި އިރުވެސް އަޅައިނުލައި. އަޅުގަނޑުމެންގެ ސަބްސިޑިއަރީއަކުން އެކަހަލަ ކަމެއް ކުރީމަ ގެނެސް އެސްޓީއޯގެ ހެޑް އޮފް ޑިޕާޓްމެންޓަކަށް ބަދަލުކޮށްފަ ވެސް އެބަހުރި. އެފްއެސްއެމުން 40 މިލިއަނުގެ ޚިޔާނާތްވީމަ ގެނެސް އެސްޓީއޯގެ ހެޑް އޮފް ޑިޕާޓްމެންޓަކަށް ހަދާފަ އެބަހުރި." އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ކުންފުނީގެ އިންޓާނަލް އޮޑިޓް ކޮމެޓީން ބަލާ މައްސަލަތަކާ މެދު، ބޯޑުގެ އޮޑިޓް ކޮމެޓީން ގޮތެއް ކަނޑައަޅައި، މެނޭޖްމެންޓާ މެދު ފިޔަވަޅު އަޅަން ފޮނީމަ، މެނޭޖްމެންޓުން ފިޔަވަޅު ނޭޅިޔަސް ދެން އިތުރަށް ހެދޭނެ ގޮތެއް މިހާރު ނޯންނަ ކަަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ 2014 އިން ފެށިގެން ހުރި ހުރިހާ އޮޑިޓް ރިޕޯޓުތައް ބައްލަވައި ފިޔަވަޅު އަޅުއްވަމުން ގެންދަވާ ކަމަށާއި އެހެން ނަމަވެސް ދެން ވެސް މެނޭޖްމެންޓުގައި ހުންނަ މީހެއްގެ ގޮތުން ފިޔަވަޅު ނާޅައިފި ނަމަ އެކަން ބެލޭނެ އެއްވެސް ގޮތެއް މިހާރު ނެތް ކަަމަށެވެ. މިހާތަނަށް ކަންކަން ވެފައި ހުރި ގޮތަށް ބަލާ އިރު މި ފަދަ ކަންކަމުގައި އެހާ ހިސާބުން ދޫކޮށްލެވެން ނެތް ކަމަށް އަމްރު ފާހަގަކުރެއްވި އެވެ.