ޚަބަރު

މިނާ ހައްޖު ގްރޫޕު މެދުވެރިކޮށް ހައްޖަށް ދެވޭނެ ގޮތް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދީފި

މަރިޔަމް ޝަހުދާ

މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑުން ހައްޖަށް ދިއުމަށް ފައިސާ ދެއްކި ހުރިހާ މީހުންނަށް ހައްޖަށް ދިއުމުގެ މަގު ތަނަވަސް ކޮށްދީފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ މިނާ ގްރޫޕަށް މިނިސްޓްރީން ވަކި ގޮތެއް ނާންގަނީސް ހައްޖަށް މީހުން ގެންދިއުމަށް ދީފައިވާ ހުއްދައިގެ ދަށުން އެއްވެސް މަސައްކަތެއް ނުކުރުމަށް މީގެ ކުރިން އަންގާފައިވާނެ ކަމަށެވެ. އަދި މިގޮތަށް އޭރު އެންގީ އޭސީސީން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުގެ އެންގުމަކުން ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިކަމާ ގުޅިގެން މިނާ ގްރޫޕުން ހައްޖަށް ދިއުމަށް އެދިފައިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުންތަކާއި ޝަކުވާ މިނިސްޓްރީއަށް ހުށަހަޅައިފައެވެ. އަދި މިފަދަ ހާލަތެއްގައި މިނާ ގްރޫޕުގެ ހުއްދަ ބާތިލު ކުރުމަށް ފަހު އެހެން ކުންފުންޏެއް މެދުވެރިކޮށް މިނާ ގްރޫޕުގެ ފަރާތުން ހައްޖަށް ދިއުމަށް ފައިސާ ދެއްކި ފަރާތްތައް ހައްޖަށް ފޮނުވުމީ މާލީ ގޮތުން ވަރަށް ގެއްލުން ހުރި ކަމެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.

މީގެ އިތުރުން ވަގުތު ކުޑަތަން ވުމާއެކު، އިތުރު އެހެން ކުންފުންޏަކަށް ހުއްދަ ދިން ނަމަވެސް ހައްޖަށް މީހުން ނުގެންދެވުމުގެ ބިރު އޮތުމާއެކު ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ހައްގު ރައްކާތެރި ކުރުމުގެ ގޮތުން މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިނާ ގްރޫޕަށް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ނިންމުމަކީ އިތުރު އިންތިޒާމެއް ހަމަޖައްސައިފި ނަމަ މިނާ ގްރޫޕުން ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ހައްޖުވެރިންގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްކޮށް ނުދެވިދާނެކަމަށް މިނިސްޓްރީއަށް ފެންނާތީ އޭސީސީ އާއި ބަންޑާރަ ނައިބާ މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.

ކުރިއަށް އޮތް ތަނުގައި މިފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް އިސްލާމިކް މިނިސްޓްރީގެ ކަންކަން ހަރުދަނާ ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ހައްޖުވެރިންގެ އިތުރުން ކަމާ ގުޅޫ ހުރިހާ ފަރާތްތަކަށް ކުރިމަތިވި ދަތިތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ މައާފަށް އެދިފައެވެ.