ޚަބަރު

ކާނިވާ ސަރަހައްދުގައި ޕީޕީއެމްއާއި ޕީއެންސީގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހުއްދައަށް އެދިއްޖެ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން ކާނިވާ ސަރަހައްދުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހުއްދައަށް އެދިއްޖެއެވެ.

ޕީޕީއެމް އިން ބުނީ އެ ޕާޓީއާއި ޕީއެންސީ ގުޅިގެން ބާއްވާ ހާއްސަ ޖަލްސާއެއް މިފެށޭ މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 9:00ގައި ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށާއި ކާނިވާ ސަރަހައްދުގައި އެ ޖަލްސާ ބޭއްވުމުގެ ހުއްދައަށް ޕްލޭނިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް އެޑްރެސްކުރައްވައި، ޕީޕީއެމް އިން ފޮނުވާފައިވާ ސިޓީގައި އެދިފައިވަނީ އެ ޕާޓީން އިންތިޒާމުކޮށްގެން ބާއްވާ ޕާޓީގެ އާންމު ޖަލްސާއެއް ބޭއްވުމަށް މިފެށޭ މަހުގެ ހަތަރުވަނަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން މެންދަމު 12:00އަށް ކާނިވާ ސްޓޭޖު ސަރަހައްދު ދޫކޮށްދިނުމަށެވެ.

ޕީޕީއެމް އިން އެންމެ ފަހުން ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ އަހަރު ރިޔާސީ އިންތިހާބަށްފަހު، ސެޕްޓެމްބަރު 28ގައި ބޭއްވި އެ ޕާޓީގެ ކޮންގްރެސް ޖަލްސާއެވެ. އެ ކޮންގްރެސްއަށްފަހު ޕީއެންސީގެ ނަމުގައި ޕާޓީއެއް އުފައްދައި، ޕީޕީއެމް އިން މަސައްކަތްކުރަމުން އަންނަނީ ޕީއެންސީއާ ގުޅިގެންނެވެ. ޕީއެންސީގެ ލީޑާޝިޕުގައި ހިމެނިވަޑައިގެންނަވަނީ ޕީޕީއެމްގެ ލީޑާޝިޕުން ކުރިން ފެނިވަޑައިގެންނެވި ބޭފުޅުންނެވެ.