ހިޔާ މަޝްރޫއުގެ އެއްބަސްވުން އުވާލުމާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދުމަށް ހައުސިން ޑިވެލޮމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެކޮޅަށް ދައުވާ ކުރުމަށް ގައުމީ ޔުނިވާސިޓީން ނިންމައިފިއެވެ.
ގައުމީ ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުވައްޒަފުންގެ އެދުމުގެ މަތިން 2017 ވަނަ އަހަރު އިއުލާންކުރެވުނު ހިޔާ ޕްރޮޖެކްޓުގައި ބައިވެރިވުމަށް އެ ޔުނިވާސިޓީން ނިންމި ކަމަށާއި އެ މަޝްރޫއުގެ ދަށުން ބިން ހޯދުމަށް އެ ޔުނިވާސިޓީން އެޗްޑީސީއާއެކު އެ އަހަރު ސޮއިކުރި ކަމަށެވެ. އަދި ގައުމީ ޔުނިވާސިޓީއަށް ކަނޑައަޅާފައިވާ ބިމުގައި ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ރައީސް އޮފީހުން އިއުލާންކޮށް، ރައީސް އޮފީހުން ކަނޑައެޅި ފަރާތާއެކު 2018 ވަނަ އަހަރު އެއްބަސްވުމުގައި ސޮއިކުރެވުނު ކަމަށެވެ.
"ކޮންޓްރެކްޓަރާއި ޔުނިވާސިޓީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންދިޔަ އިރު، މި މައުލޫމާތުތައް ގަވާއިދުން އެޗްޑީސީއާ ހިއްސާކުރަމުން ގެންދެވުނެވެ. މިގޮތުން ޕްރޮޖެކްޓް ޓައިމްލައިންގެ ފުރަތަމަ މަރުޖަލާގެ ތެރެއިން އެޗްޑީސީއަށް ހުށަހަޅަންޖެހޭ ކޮންސެޕްޓް ޑްރޯވިންގ ހުށަހަޅައި އެޗްޑީސީއަށް ފާސްކޮށްދެއްވައި، ޑީޓެއިލްޑް ޑްރޯވިނގ ސެޓް ހުށަހަޅަން ވިދާޅުވުމުން އެ ޑްރޯވިނގ ސެޓްވެސް އެޗްޑީސީއަށް ހުށަހެޅުނެވެ. އަދި ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އެޑްވާންސް ފައިސާގެ ގޮތުގައި ކޮންޓްރެކްޓަރަށް ދައްކަން ޖެހުނު އަދަދު ޔުނިވާސިޓީން ކޮންޓްރެކްޓަރަށް ދެއްކުނެވެ. އަދި ކޮންޓްރެކްޓަރުގެ އެދުމުގެ މަތިން ހިޔާ މަޝްރޫއިން ޔުނިވާސިޓީއަށް ކަނޑައަޅާފައިވާ ބިން ރަސްމީކޮށް ހަވާލުކޮށްދިނުމަށް އެޗްޑީސީގައި ދެންނެވުނެވެ..،" ގައުމީ ޔުނިވާސިޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ގައުމީ ޔުނިވާސިޓީން ބުނީ ޕްރޮޖެކްޓްގެ މަސައްކަތް އެ ހިސާބަށް ގޮސްފައި ވަނިކޮށް، ސަރުކާރުން ހިޔާ މަޝްރޫއު ރިވިއުކުރާތީ މަޝްރޫއު މަޑުޖެހިފައިވާކަން އެޗްޑީސީން އެންގި ކަމަށާއި އެގޮތަށް އެންގުމުން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ލަސްވާނަމަ، ލިބިދާނެ ގެއްލުންތައް ބަޔާންކޮށް ޔުނިވާސިޓީން ކަމާ ބެހޭ ފަރާތްތަކުގައި ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށެވެ. އަދި މިއަހަރުގެ އޭޕްރީލް 24ގައި ޔުނިވާސިޓީއާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފައިވާކަން އެޗްޑީސީން އަންގާފައިވާ ކަމަށް ވެސް އެ ޔުނިވާސިޓީން ބުންޏެވެ.
އެ މައްސަލަ ހައްލުކުރުމަށް ޔުނިވާސިޓީން އެޗްޑީސީއާ ބައްދަލުކޮށް، އެކަމުގައި ކުރިއަށް ދެވިދާނެ ގޮތަކާ މެދު މަޝްވަރާކުރެވުނު ކަމަށާއި އަދި ކުރެވުނު މަޝްވަރާގެ އަލީގައި އެކަންކަން ލިޔުމުން އެޗްޑީސީގައި ދެންނެވުނު ނަމަވެސް، އެކަމާ ގުޅޭގޮތުން އެޗްޑީސީން ޖަވާބެއް ދީފައިނުވާ ކަމަށް ވެސް ޔުނިވާސިޓީން ބުންޏެވެ.
"ހިޔާ މަޝްރޫއުގެ ތެރެއިން ނުފެށި ހުރި ޕްރޮޖެކްޓްތައް ކަމަށް އެޗްޑީސީން ވިދާޅުވި ނަމަވެސް ޔުނިވާސިޓީގެ މި މަޝްރޫއަކީ ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރަކާ ހަވާލުކުރެވިގެން ކުރިއަށްދާތާ 8 މަސް ދުވަސްވެފައިވާ މަޝްރޫއެކެވެ. ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޔުނިވާސިޓީން މިހާތަނަށް ކޮށްފައިވާ ހަރަދުގެ ތަފްސީލީ މައުލޫމާތު ވާނީ އެޗްޑީސީއަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓަށް އެކި ފަހަރު މަތިން ހިއްސާކުރެވިފައެވެ. މީގެ އިތުރުން އެޗްޑީސީގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށައިގަތުމަށް ކޮންޓްރެކްޓަރު ބޭނުންވާ ކަންތައްތައް ކުރިއަށްގެންދިއުމަށްޓަކައި، މި ޔުނިވާސިޓީއަށް ކަނޑައަޅާފައިވާ ބިމާއި ކޮންޓްރެކްޓަރަށް ބޭނުންވާ ވަގުތީ ބިމާއި އަދި މެޓީރިއަލް ބަހައްޓާ ބިން ހަވާލުކޮށްދިނުމަށް އެޗްޑީސީގައި ތަކުރާރުކޮށް ދެންނެވިފައިވާނެއެވެ..،" ގައުމީ ޔުނިވާސިޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ގައުމީ ޔުނިވާސިޓީން އިތުރަށް ބުނީ އެޗްޑީސީން އެއްބަސްވުން އުވާލުމުން މަޝްރޫއާއިގެން ކުރިއަށްދެވޭނެ މަގެއް ފެނިފައިނުވާތީ، ޔުނިވާސިޓީއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށާއި ޔުނިވާސިޓީގެ މުވައްޒަފުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ގާނޫނީ މަރުހަލާގެ ތެރެއިން ހައްލެއް ހޯދުމަށް އެ ޔުނިވާސިޓީން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.