ޚަބަރު

ތިން ހޮސްޕިޓަލަކާއެކު ކަކުލު ހުޅު ބަދަލު ކުރުމުގެ ޕްރޮގްރާމްއާ ގުޅޭ އެއްބަސްވުމެއްގައި އާސަންދައިން ސޮއިކޮށްފި

މަރިޔަމް ޝަހުދާ

ތިން ހޮސްޕިޓަލަކާއެކު ކަކުލު ހުޅު ބަދަލު ކުރުމުގެ ޕްރޮގްރާމްއާ ގުޅޭ އެއްބަސްވުމެއްގައި އާސަންދަ ކުންފުނިން ސޮއިކޮށްފި އެވެ.

އާސަންދައިން މައުލޫމާތު ދިން ގޮތުގައި ކަކުލު ހުޅު ބަދަލު ކުރުމުގެ ޕްރޮގްރާމް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމާ ގުޅޭގޮތުން އާސަންދައިން ސޮއިކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ޓްރީޓޮޕް ހޮސްޕިޓަލް އަދި މެޑިކާ ހޮސްޕިޓަލާއެކު އެވެ. އާސަންދައިން މައުލޫމާތު ދިން ގޮތުގައި ކަކުލު ހުޅު ބަދަލުކުރުމަށް އައިޖީއެމްއެޗްގައި މިހާރުވެސް 170އަށް ވުރެ ގިނަ މީހުން ވެއިންޓްލިސްޓް ކުރެވިފައި ވެއެވެ. އަދި މި ޕްރޮގްރާމަކީ މި ފަރާތްތަކަށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ފަށާ ޕްރޮގްރާމެއް ކަމަށް އާސަންދައިން މައުލޫމާތު ދިނެވެ.

ކަކުލު ހުޅު ބަދަލު ކުރުމުގެ ޕްރޮގްރާމްގެ ދަށުން އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ލަފާގެ މަތިން ވެއިޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް ޓްރީޓޮޕް އަދި މެޑިކާއިން ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރިއަށް ދިއުމަށް ހަމަޖެހޭނެ ކަމަށް އާސަންދައިން ބުންޏެވެ. އަދި މި އޮޕަރޭޝަން ކުރުމަށް ދާ ހަރަދު އާސަންދަ ސްކީމުން ލިބޭނެ ކަމަށް އާސަންދައިން މައުލޫމާތު ދެއެވެ. ނަމަވެސް އާންމު އުސޫލުގައިވެސް ވާ ފަދައިން ޕްރައިވެޓް ރޫމްގެ ހަރަދު އާސަންދަ ސްކީމުން ކަވަރު ނުކުރާނެ ކަމަށް އާސަންދައިން ބުނެއެވެ.

ކުރިއަށް އޮތްތާނގައިވެސް ރައްޔިތުންނަށް ލުއި ގޮތަކަށް ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ ގޮތުން މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އާސަންދައިން ބުނެއެވެ.