އިސްލާމިކް ޔުނިވަސިޓީގެ އެކެޑެމިކް ބައެއް މުވައްޒަފުން ބޭނުންކުރާ އެ ޔުނިވަސިޓީގެ ލެޕްޓޮޕް ތަކެއް ގެއްލުނު މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށް އެ ޔުނިވަސިޓީން ބުނެފި އެވެ.
މި ދުވަސްވަރަކީ އެ ޔުނިވަސިޓީގެ އިމްތިހާނުތައް ކުރިޔަށްދާ ދުވަސްވަރެއް ކަމަށާއި އެކެޑެމިކް މުވައްޒަފުން ތަކެއްގެ ލެޕްޓޮޕްތައް މިގޮތަށް ގެއްލުމުން އިމްތިހާނުގެ ސައްހަ ކަމަށް އަސަރުކޮށްފާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިސްލާމިކް ޔުނިވަސިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ލެޕްޓޮޕްތައް ގެއްލުނު ނަމަވެސް އިމްތިހާނުގެ ސައްހަކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
ދަރިވަރުންނަށް އިމްތިހާނުތައް ދޭނީ ޝައްކެތް ނެތް މިންވަރަށް އިމްތިހާނުގެ ކަންކަން ކަށަވަރުކުރުމަށް ފަހު "ދަރިވަރުން އިމްތިހާނުކުރުމާއި ފެންވަރު ވަޒަން ކުރުމުގެ ގަވައިދު" ގައިވާ ގޮތަށް ކަމުގައި ޔަގީންކޮށްދޭ ކަމަށް އެ ޔނިވަސިޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.