ޚަބަރު

ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތައް އަދި ނުލިބޭ: ފުލުހުން

ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ސްރީލަންކާގެ ކަމާ ބެހޭ އިދާރާތަކުން ފުރިހަމަކުރަން ޖެހޭ ލިޔުންތައް މިއަދާ ހަމައަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ސްރީލަންކާގެ ކަމާ ބެހޭ އިދާރާތަކުން ފުރިހަމަކުރަން ޖެހޭ ލިޔުންތައް މިއަދާ ހަމައަށް ލިބިފައިނުވި ނަމަވެސް އެ ސާވިސް އިން އުންމީދުކުރަނީ އެ ލިޔުންތައް ފުރިހަމަކުރެވުނުހާ އަވަހަކަށް ލުތުފީ އަނބުރާ ރާއްޖެ ގެނެވޭނެ ކަމަށެވެ.

ލުތުފީ އަނބުރާ ރާއްޖެ ގެނެސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށްޓަކައި ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ލަންކާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ދެ ދުވަހެއް ތެރޭ ލުތުފީ އަނބުރާ ރާއްޖެ ގެންނާނެ ކަމަށް މިދިޔަ އަންގާރަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

ލުތުފީއަކީ 1988ގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ ފަހަތުގައިވާ މީހެކެވެ. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް އޭނާ ލަންކާއަށް ބޭސްފަރުވާއަށް ގޮސްފައިވަނީ 2010 ވަނަ އަހަރުގެ ތެރޭގައެވެ. ބޭސްފަރުވާއަށް ލަންކާއަށް ދިއުމަށް ފަހު ލުތުފީ ފިލާފައިވާ އިރު، އޭނާ ހޯދުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް އެއް ވަނީ ނެރެފައެވެ.