އިބްރާހިމް ޒަކީ
ސަރުކާރުގެ ކޮންމެ މަގާމެއްގައި ހުރި ކޮންމެ ބޭފުޅެއް ކަމަށްވިޔަސް، ކޮރަޕްޝަންގެ އަމަލެއް ހިންގުމަށް މި ސަރުކާރުން ކުޑަވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާ 2019 [ސްޓްރެންތެނިންގ އޮފް ކޯޕަރޭޓް ގަވަރނަންސް] އިފްތިތާހު ކުރުނުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކަމަށެވެ.
"ސަރުކާރުގެ ކޮންމެ މަގާމެއްގައި ހުރި ކޮންމެ ބޭފުޅެއް ކަމަށްވިޔަސް، ކޮރަޕްޝަންގެ އަމަލެއް ހިންގުމަށް މި ސަރުކާރުން ކުޑަވެސް ފުރުސަތެއް އަޅުގަނޑުމެން ނުދޭނެކަން މިއަދުވެސް ތިޔަބޭފުޅުންނަށް ހަނދުމަކޮށް އަރުވަން،" ރައީސް ވިދާޅުވިއެވެ.
ކުންފުނިތަކުގެ ވެރިންނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ކުންފުނިތައް ހިންގުމަށްޓަކައި ވެސް ގާނޫނީ އިންތަކަކާއި އޮނިގަނޑުތަކެއް ކަނޑައެޅިފައި އެބަހުރިކަން އަބަދުވެސް ހަނދުމަފުޅުގައި ބަހައްޓަވަންވާނެ ކަމަށެވެ.
އެންމެ މުހިއްމު ކަމަކީ، މިއަދު އަލަށް މި ތައާރަފް ކުރެވުނު ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތަކާ އެއްގޮތަށް ކުންފުނިތައް ހިންގުން ބައްޓަން ކުރުން ކަމަށާއި ފައިސާގެ އެންމެހައި މުއާމަލާތްތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދި ޒިންމާދާރުކަމާ އެކުގައި ހިންގުމަށް ހާއްސަ ސަމާލުކަމެއް ދެއްވުން ކަމަށްވެސް ވިދާޅުވިއެވެ.
"ހަމައެފަދައިން، މިއަދު ސަރުކާރުގަޔާއި އަދި ކުންފުނިތަކުގައިވެސް ކޮރަޕްޝަނަށް މަގުފަހިވުމަށް އޮތް އެންމެ ބޮޑު ދިމާއަކީ ޕްރޮކިއުމަންޓާއި އަދި ބިޑްތައް ހުޅުވައިލުމުގައި ދިމާވެފައި އޮތް މައްސަލަ. އެހެންވީމާ، ކުންފުނިތަކުގައި ޕްރޮކިއުމަންޓާއި ބިޑް ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަންވާނީ، މިހާރަށްވުރެ ބޮޑަށް ހާމަކޮށް، ދެފުށް ފެންނަގޮތަށް، ނުފޫޒުން ބޭރުން އެއްކިބާވެފައި އޮތްގޮތަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކުންފުނިތަކަށް މުވައްޒަފުން ލެއްވުމުގައިވެސް، ކުންފުނީގެ ބޯޑުން ކަނޑައަޅާފައިވާ އުސޫލުތަކާއި އޮނިގަނޑާ އެއްގޮތަށް އެކަން ކުރުމަކީ، ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއް ކަމަށެވެ. އަދި ކުންފުންޏަށް އެންމެ ފައިދާހުރި ގޮތަކަށް ވާނީ، ބޭނުންޖެހޭ ދާއިރާތަކުން، އެކަންކަމަށް އެންމެ ގާބިލު މީހުން ވަޒީފާތަކަށް ހަމަޖައްސައިގެން ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު ހުރި ކުންފުނިތަކަށް ބަލާއިރު، ބައެއް ކުންފުނިތަކުގެ މަގުސަދު އެންމެ ފުރިހަމަގޮތުގައި އަދާކުރަމުންދާ ކަމަށް ދެންނެވެން ނެތް ނަމަވެސް، ވަރަށް ރަނގަޅަށް ހިނގާ ކުންފުނިތައްއެބަތިބި ކަމަށްވެސް ވިދާޅުވިއެވެ.
އެ ސަބަބުތަކަށްޓަކައި ކުންފުނިތަކުގެ ހިންގުން އިސްލާހުކޮށް، ކުންފުނީގެ މަގްސަދު ހާސިލްލުކުރެވޭނެ އީޖާދީ އަދި އުފެއްދުންތެރި ގޮތްތައް ހޯދައި، ކުންފުނިތަކުގެ މިސްރާބު އަލުން ސީދާކުރުމަކީ، ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުންފުނިތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު، މިހާރަށްވުރެ ބޮޑަށް، އާންމު ރައްޔިތުންނާ ހިއްސާ ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީވެސް ކުންފުނިތަކުގެ ވެއިން އިސްކަން ދޭންޖެހޭނެ ކަމެއް ކަމަށެވެ.
"ސަބަބަކީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ތިޔަބޭފުޅުންގެ ކުންފުނިތަކަކީ، ދިވެހި ރައްޔިތުންގެ ހިއްސާ، އޭގައި އެކުލެވިފައި އޮތް ކުންފުނިތަކަކަށްވާތީ،" ރައީސް ވިދާޅުވިއެވެ.