އިބްރާހިމް ޒަކީ
ކުންފުނިތަކުގައި އެންމެބޮޑަށް ކޮރަޕްޝަން އޮތް ދިމާލަކީ، ޕްރޮކިއުމެންޓާއި ބިޑުތައް ހުޅުލާދިމަ ކަމަށާއި، ކުންފުނިތަކުގެ ޕްރޮކިއުމެންޓާއި، ބިޑް ކުރުމުގެ ކަންތައް މިހާރަށްވުރެ ހާމަކަން ބޮޑުކޮށް، ދެފުއްފެންނަ ގޮތަށް، ނުފޫޒުން އެއްކިބާވެފައިވާގޮތަކަށް ކުރިމައަށްގެންދިއުމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާ، ފެށުމުގެ ގޮތުން ނެޝަނަލް އާޓް ގެލެރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަަކީ ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި، ވަރަށް މުހިއްމު ދައުރެއް އަދާކުރާ ތަންތަން ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި އެ ކުންފުނިތައް އުފައްދާފައިވަނީ، ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފޯރު ކޮށްދިނުމުގެ މަގުސަދުގައެވެ. އެހެންކަމުން ސަރުކާރު ހިއްސާވާ ކުންފުނިތައް ވާން ޖެހޭނީ އިހުލާސްތެރި ހިދުމަތްތަކެއް ފޯރުކޮށްދީ ރައްޔިތުންނަށް ޖަވާބުދާރީވާ ކުންފުނިތަކަކަށެވެ. އަދި ކުންފުނިތައް އުފައްދާފައިވަނީ ރައްޔިތުންގެ ފައިސާއިން ކަމަށާއި، އެއީ ރައްޔިތުންގެ ހިއްސާއޮތް ކުންފުނިތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ވައުދުވެފައިވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދީ ތަފާތު ކުރުމެއްނެތި ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އެ ހިދުމަތްތައް ދިނުމުގައި ސަރުކާރު ކުނފުނިތަކުގެ ދައުރު ވަރަށްބޮޑު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ވިޔަފާރީގެ އުސޫލުން ހިންގާ ކުންފުނިތައް ވިޔަފާރީގެ ފައިދާއަށް ޒިންމާ އަދާރުވާން ޖެހޭނެ ކަމަށާއި، ހިދުމަތްދޭ ކުންފުނިތައް ވާން ވާނީ ރައްޔިތުން ގަބޫލުކުރާ ހިދުމަތްތަކެއްދެވޭ ކުންފުނިތަކަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.