މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

އައްޑޫގައި އިމާރާތްކުރި އާ ހޮސްޕިޓަލަށް ފަރުނީޗަރު ހޯދަން ބަޔަކާ ހަވާލުކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކުރި މަތީ ފެންވަރުގެ އާ ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރު ގަތުމަށް ތުރުކީވިލާތުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އައްޑޫ ސިޓީގައި ގާއިމުކުރާ މަތީ ފެންވަރުގެ ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ސާމާނު ސަޕްލައިކޮށް، ރާވާ، އެތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތް އަލްކޭ-ތުރްމަކްސް ޖޮއިންޓް ވެންޗަރ ކުންފުންޏަށް ހަވާލުކުރީ މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ތުރުކީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޓެކްނިކަލް އޮފީހުގެ ޗީފް ބެރިސްކަން ގޮގެބަކަންނެވެ. މި އެއްބަސްވުމުގެ ދަށުން ގިނަވެގެން 65 ދުވަހުގެ ތެރޭގައި ތަކެތި ގެންނަން ޖެހެއެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއުއަށް ހަރަދުކުރަން ހަަމަޖެހިފައިވަނީ، އޮފިޑާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުުގެ ލޯނު އެހީގެ ދަށުން 9.9 މިލިއަން ޑޮލަރު، އަދި ދައުލަތުގެ ބަޖެޓުން 2.6 މިލިއަން ޑޮލަރު ކަމަށެވެ.

އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރު ހުރި ތަނުގައި އިމާރާތްކުރި މި ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. ކުރީގެ ސަރުކާރުން އިމާރާތްކުރަން ފެށި މި ހޮސްޕިޓަލު ކުރީގެ ސަރުކާރުން އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 2016 ނޮވެމްބަރު 14 ގައެވެ.

ޖުމްލަ 161.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އެ ހޮސްޕިޓަލަކީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގައި ހިންގި މަޝްރޫއުއެކެވެ.