ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

އިމާދުއްދީން ސުކޫލުގެ ސެން ކުލާސްތަކުގެ ދަރިވަރުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

އިމާދުއްދީން ސްކޫލުގައި ހިންގާ ސެން ކުލާސްތަކުގެ ދަރިވަރުންނާ ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެމަނިކުފާނު އިމާދުއްދީން ސްކޫލަށް މިއަދު ކުރެއްވި މި ޒިޔާރަތުގައި އެ ސްކޫލްގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ކްލާސްތައް ކުރިއަށްގެންދާގޮތް ބައްލަވައިލައްވައި އެ ސްކޫލްގެ ސެން ކްލާސްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި ސްކޫލްގެ މެނޭޖްމަންޓާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

އަދި ސްކޫލްގެ މެނޭޖްމަންޓުން ވަނީ ސެން ކްލާސްތައް ކުރިޔަށްގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވައިފައެވެ. އެގޮތުން، އެބޭފުޅުން ވަނީ މިވަގުތު ސެން ކްލާސްތައް ހިންގަމުންދަނީ ޖެހިގެން ހުންނަ ވަކި އިމާރާތެއްގައިކަން ފާހަގަކުރައްވައި، ސްކޫލާއި ސެން ކްލާސްތައް ހިންގާ ސްކޫލްގެ އެނެކްސް އިމާރާތާ ދެމެދުގައިވާ މަގު، މަގެއްގެ ގޮތުގައި ބޭނުން ނުކުރާ ގޮތަށް ހައްދަވައިދެއްވަން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި، އެކަމުގެ ސަބަބުން ސެން ކްލާހުގައި ކިޔަވަމުންދާ ދަރިވަރުންނަށް ލިބިގެންދާނެ ފަސޭހަތައް ސްކޫލްގެ ފަރާތުން ވަނީ ނައިބު ރައީސާ ހިއްސާ ކުރައްވައިފައިވެއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތައުލީމީ ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެންމެ އިސްކަންދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި، އެ ސްކޫލްގެ މެނޭޖްމަންޓުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި މުޅި ސަރުކާރުގެ މައިގަނޑު އަމާޒަކީ ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، އެ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.