ޝަހީދާ އަބްދުﷲ ސައީދު
އެކި ފަންނުތަކުގެ ހުނަރުވެރި ހަރުދަނާ ޒުވާނުން ގައުމަށް ބޭނުންވާކަމަށް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޑިސްކަވަރ ހޮސްޕިޓާލިޓީ ޕްރޮގްރާމް ދޭއްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިއަދު އަޅުގަނޑުމެން މިފަދަ މަގާމުތަކުގައި ތިބި ނަމަވެސް، މާދަމާ މިފަދަ މަގާމުތަކުގައި ތިބޭނީ ޒުވާނުން ކަމަށާއި އުނގެނުމުގެ ފުރުސަތުގެ ބޭނުން ދަރިވަރުން ރަނގަޅު ގޮތުގައި ހިފަންވާނެ ކަމަށެވެ.
ރާއްޖޭގައި ޓޫރިޒަމް އާލާކުރެވުނީ ވަރަށް ވަރުގަދަ ހިތްވަރަކާއި އަޒުމެއް ހުރެގެން ކަމަށާއި މިއަދު އެކަންތައް ހަނދާންކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ބެލިނަމަވެސް މިއަދު ފެންނަނީ ފަތުރުވެރިކަން ކުރިއަރާފައިވާ މަންޒަރު ކަމަށާއި ރާއްޖެއަށް ލިބުނު ކޮންމެ ކާމިޔާބިއަކާއި ރާއްޖެ ހޯދި ކޮންމެ ރީތި ނަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިފައިވާ ކަންކަން ކަމުގައި ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ދާއިރާ މިހާރު ވަރަށްބޮޑަށް ކުރިއަރާފައިވާތީ އެދާއިރާއަށް ގިނަ އަދަދަކަށް މީހުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
އަދި ދިވެހިން ބޭނުންވާ ކަހަލަ މޯލްޑިވިއަން ހޮސްޕިޓާލިޓީގެ ޚިދުމަތް ހިނިތުންވުމާއެކު ދެވެން އޮތީ ގިނަ އަދަދަކަށް ދިވެހިން އެދާއިރާއަށް ތައްޔާރުކުރެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ ތައުލީމީ ދާއިރާއާއި މަސައްކަތްތެރިކަމުގެ ދާއިރާއިން މިހާރު ހުޅުވެންހުރި ހުރިހާ ދޮރުތަކެއް ހުޅުވިފައިވާކަމަށާއި ތައުލީމީ ދާއިރާއަށް މީގެކުރިން ދުވަހަކުވެސް ހޭދަނުކުރާ މިންވަރަށް މިސަރުކާރުން ހޭދަކުރަމުންދާ އެބަގެންދާކަމަށެވެ.
އަދި ތައުލީމީ ދާއިރާއަށް ޒުވާނުންނަށާއި ރައްޔިތުންނަށް ހުޅުވާފައި ހުރި އެއްވެސް ދޮރެއް މިސަރުކާރުން ބަންދު ނުކުރާނެ ކަމަށް ވިދާޅުވިއެވެ.
އެމަނަިކުފާނު ވިދާޅުވީ ތައުލީމީ ދާއިރާއަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި މިސަރުކާރުން ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ގައުމަށް ދިމާވާ ކޮންމެ ގެއްލުމަކީ ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެ ގެއްލުމެއްކަން ފާހަގަކުރައްވައި ވިދާޅުވީ ކޮންމެ ރައްޔިތަކުވެސް ތައުލީމު ލިބިގެން ގައުމަށް އިހުލާސްތެރިކަމާއެކު ހިދުމަތްކޮށްދެންވާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ، ވިލާ ކޮލެޖާއި ޔުނިވާސަަލް ފައުންޑޭޝަނުން ކުރިއަށްގެންދާ ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމް ދޭއް ފުރިހަމަކުރި 22 ބައިވެރިންނަށް، ކޯސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވައިފައެވެ.
ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ "ޑިސްކަވާ ހޮސްޕިޓާލިޓީ" ގެ ތިން ވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ލިބިފައިވާ 34 ފަރާތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފައިވެއެވެ.