ބާ ކައުންސިލް އުފައްދައި، "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މިބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލަކީ، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި، ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓުކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމަށާއި، ގާނޫނީ ވަކީލުންގެ ހިދުމަތުގެ ގާބިލުކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގައި ގާނޫނީ ތައުލީމު ދިނުމުގެ ފެންވަރު މަތިކުރުންފަދަ އެންމެހާ ކަންކަން ބަޔާންކުރުމުގެ ބިލެކެވެ.
އަދި މިކަންކަން ބެލެހެއްޓުމަށްޓަކައި، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަމުގައި ދައުލަތުގެ މިނިވަން އަދި މުސްތަގިއްލު މުއައްސަސާއެއް އުފައްދައި، އެ މުއައްސަސާގެ މަސައްކަތްތައް ހިންގާނެ ގޮތް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރައްވާފައެވެ.