ކޮރަލް ބޮލެވާޑް

ކޮރަލް ބޮލެވާޑް މަޝްރޫއު ކުރިއަށްގެންދަން 129،000 އަކަފޫޓުގެ ބިމެއް ހުޅުމާލޭން ކަނޑައަޅައިފި

އިބްރާހިމް ޒަކީ

ކޮރަލް ބޮލެވާޑް މަޝްރޫއު ކުރިއަށްގެންދަން 129،000 އަކަފޫޓުގެ ބިމެއް ހުޅުމާލެއިން ކަނޑައަލައިފި އެވެ.

ކޮރަލް ބްލެވާޑް ޕްރޮޖެކްޓަކީ، ލަގްޒަރީ 350 އެޕާޓްމަންޓުގެ އިތުރުން ފިހާރަތަކާއި ކުޅިވަރު ކުޅޭ ތަންތަން ހިމެނޭގޮތަށް 28 ބުރީގެ ހަތަރު ޓަވަރު ގާއިމް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއެކެވެ.

އެ ޕްރޮޖެކްޓަށް ރަސްފަންނު ސަރަހައްދުން 70،000 އަކަފޫޓުގެ ބިމެއް އޭރު އޮތީ ދީފައެވެ.

ނަމަވެސް ރިޔާސީ އިންތިހާބަށްފަހު، އައި ރައީސް އިބްރާހިމް ސޯލިހު ވެރިކަމަށް ވަޑައިގެން މާލޭގައި އިތުރު އިމާރާތްތައް ނުކުރުމަށް ސަރުާރުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން މިއޮތް ހުރިހާދުވަހު ދިޔައީ، އެ ޕްރޮޖެކްޓް ހުޅުމާލެއަށް ބަދަލުކުރަން މަޝްވަރާ ކުރަމުންނެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، މި މަޝްރޫއާބެހޭ މައުލޫމާތު ދެއްވަމުން ހައުސިން މިނިސްތަރު އައިމިނަތު އާތިފާ ވިދާޅުވީ، ސިންގަޕޫރުގެ ކުންފުންޏަކުން ކުރިއަށްގެންދާ މި ޕްރޮޖެކްޓަށް ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދޫކުރާ ބިމަކީ، ރަސްފަންނުގައިވެސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ބިމެއް ކަމަށެވެ.

ކޮރަލް ބްލެވާޑްގެ ފްލެޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންގެ ފައިސާތަކަށް ވީގޮތް ނޭގޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެޕާޓްމަންޓް ތަކަށް ފައިސާދެއްކި މީހުންގެ މައުލޫމާތު ސަރުކާރަށް ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް ފައިސާ ދައްކާފައި ވަނީ ނުވަ ފަރާތަކުން ކަމަށާއި އެ މީހުން އެވެރެޖްކޮށް ދައްކާފައި ވަނީ 315،350 ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަދި އެ ފަރާތްތަކުން އެވްރެޖްކޮށް 104،500 ޑޮލަރު ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ޗަންހުއާ އަށް ކޮރަލް ބްލެވާޑްގެ މަޝްރޫއު ހަވާލުކުރީ 2020ގެ ނިޔަލަށް ނިންމުމަށެވެ.