މަކަރާއި ހީލަތް

އެޕާޓްމަންޓް ވިއްކަންކަމަށްބުނެ ގިނަ ބައެއްގެ އަތުން މިލިޔަނުން ފައިސާ ނަގައިގެން ކޮރަލްބްލެވާޑް ވެސް ފިލައިފި

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި ކޮރަލް ބޮލެވާޑްގެ ނަމުގައި މާފަންނު ރަސްފަންނު ސަރަހައްދުގައި 28 ބުރީގެ ހަތަރު ޓަވަރު ހަދައި، 500 އެއްހާ ލަގްޒަރީ އެޕާޓްމަންޓް ހެދުމަށް ސިންގަޕޫރުގެ ކުންފުންޏަކުން ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓް ކުރިއަށް ނުގެންގޮސް އެތައް މިލިޔަން ރުފިޔާއެއް ނަގައިގެން ފިލައިފިއެވެ.

އެ ކުންފުނިން ފިލާފައިވާކަން ހާމަވެފައިވަނީ، އެޕްރޮޖެކްޓުން އެޕާޓްމެންޓް ވިއްކުމަށް ފައިސާނެގި އެއްވެސް ފަރާތަކަށް، އެ ފަރާތާ މުއާމަލާތް ކުރެވެމުން ނުދާތިއެވެ. މި ޕްރޮޖެކްޓުން އެޕާޓްމަންޓް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދައްކާފައިވާ ބައެއް ފަރާތްތަކުން ބުނީ، ގުޅުމުން މިހާރު ފޯނުވެސް ނުނަގާ ކަމަށާއި، އެކަމާބެހޭ އޮފީސްވެސް ހުންނަނީ ބަންދުކޮށްފައި ކަމަށެވެ. އެހެެންކަމުން އެ މައްސަލަ ޕޮލިހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ބައެއް ފަރާތްތަކުން ބުންޏެވެ.

ހުސްވި 2018 ވަނަ އަހަރުގެ ޖުލައިމަހު ފެށި މި ޕްރޮޖެކްޓްގެ، ކޮރަލް ބޮލެވާޑު އޮފީހުގައި، އެ ޕާޓްމަންޓްތައް ވިއްކުމުގެ ވަޒީފާގައި އުޅުނު މުވައްޒަފަކު ނަން ނުޖެހުމަށް އެދި، "ވަން އޮންލައިން" އަށް މައުލޫމާތު ދެމުން ބުނީ، އޭރު އެޕާޓްމަންޓްތަކުގެ ޑައުންޓް ޕޭމަންޓް ނަގަމުންދިޔައީ އެއްލައްކަ ފަންސާސްހާސްރުފިޔާއިން ކަމަށާއި، އެ ފައިސާ ޖެހެނީ އެމީހުން ބުނާ އެކައުންޓަކަށް ޓްރާންސްފާކުރަން ކަމަށެވެ. އަދި ފައިސާ ދެއްކި ކަމުގެ ރަސީދެއްވެސް ދޫނުކުރާކަމަށް އޭނާ ބުންޏެވެ.

"އެޕާޓްމަންޓްތައް ވިއްކައިދޭން އޭރު އަޅުގަނޑުމެން އުޅުނީ މުވައްޒިފުންގެ ގޮތުގައި، އަޅުގަނޑުވެސް ދެ އެޕާޓްމަންޓްގެ ޑައުންޕޭމެންޓް ނަގައިދިނިން، އެތަނުން ޗެކްވެސް ބޭނުން ނުކުރޭ ފައިސާ ސީދާ ޓްރާންސްފާ ކުރަންޖެހޭނީ، ރިސިޕްޓްވެސް ފަހުން ދޭނަމޭ ބުނަނީ، އަޅުގަނޑު ހޯދައިދިން ދެ ފަރާތަށްވެސް އެގޮތަށް ޖަވާބުދިނީ،"

އެ މުވައްޒަފު އިތުރަށް ބުނީ އޭރު ތިބި މީހުން ވަޒީފާއިން ވަކި ކުރުމަށްފަހު ގިނަ އަދަދެއްގެ ބޭރު މީހުން ހިމެނޭ ގޮތަށް އެ މަަަސައްކަތަށް އެމީހުން ބަޔަކު ނެގިކަމަށެވެ. އަދި އެޕާޓްމަންޓްތަކަށް ފައިސާ ނަގަމުން ގެންދިޔަ ނަމަވެސް އޭރުވެސް އެ ޕްރޮޖެކްޓްގެ އެއްްވެސް މަސައްކަތެއް އެތަނުގައި ފަށާފައި ނުވާކަމަށް އޭނާ ބުންޏެވެ.

އޭނާބުނީ ފަހުން އެކަމާބެހޭ މައުލޫމާތެއް އޮޅުން ފިލުވަންވެސް ނޫޅޭ ކަމަށާއި އެތަނުގެ އޮފީސް ވެސް ބަންދުކޮށްފައި ހުންނަކަމުުގެ މައުލޫމާތު ލިބުނު ކަމަށެވެ.

ކޮރަލް ބޮލެވާޑްގެ އެޕާޓްމަންޓް ޕްރޮޖެކްޓަކީ 220 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން އިމާރާތްކުރާ އެޕާޓްމަންޓް ތަކަކީ ބީޗް ފްރޮންޓަށް ވާ ގޮތަށް މާލޭގައި އިމާރާތްކުރާ ތަންތަނަށް ވުމުން ޑައުންޓް ޕޭމަންޓްގެ އިތުރުން ބައެއް ފަރާތްތަކުން ވަނީ އެޕާޓްމަންޓްގެ އަގުވެސް ދައްކައިފައެވެ. އެގޮތުން ބައެއް ފަރާތްތަކުން މިލިޔަނުން ފައިސާ ދައްކާފައިވާކަން "ވަން އޮންލައިން" ލިބުނު މައުލޫމާތުތަކުން އެނގެއެވެ.

ނަމަވެސް މި ކަމާބެހޭ މައުލޫމާތު ހޯދުމަށް ކުރި މަސައްކަތުން ކޮރަލް ބްލެވާޑާ ގުޅުން ހުރި އެއްވެސް ފަރާތަކާ ނުގުޅުމުން އެ ފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ކޮރަލް ބްލެވާޑް ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ، ކޮރަޕްޝަންގެ މުއާމަލާތްތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް ހެދި ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަނާ ގުޅުންހުރި ކުންފުންޏަކަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ފްލެޓް ޕްރޮޖެކްޓެއް ކުރިޔަށް ގެންދަން ނިންމި، ސީލައިފް ގްލޯބަލް އިން ވެސް ވަނީ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ފިލައިފައެވެ.

އެ މައްސަލައާ ގުޅިގެން 203 ފަރާތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ވަނީ ނެރެފައެވެ.