ޚަބަރު

ގަވާއިދާ ހިލާފަށް އެތެރެކުރި ސިނގިރޭޓުތަކެއް ހޯދަނީ

އަހުމަދު ޖައިޝަން

ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ "ރައިޑާ" ބްރޭންޑުގެ ސިނގިރޭޓުތަކެއް ހޯދުމުގެ މަސައްކަތް ކަސްޓަމްސް އިން ކުރަން ފަށައިފި އެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައިޑާ ބްރޭންޑުގެ ސިނގިރޭޓް ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް އަނބުރައި ގެނައުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން ގެންދާ ކަމަށެވެ.

ގަވައިދާ ޚިލާފަށް ރައިޑާ ބްރޭންޑްގެ ސިގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ބުނީ ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގެރެޓު އެތެރެކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ބަލަމުން އަންނާތީ އެ ބްރޭންޑުގެ ސިނގިރޭޓުގެ ވިޔަފާރި އެއްވެސް ފަރާތަކުން ކުރަމުން ގެންދާނަމަ އަވަހަށް އެކަން އެންގުމަށް އެދޭ ކަމަށެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ފޮޓޯއަކުން އެނގޭ ގޮތުގައި އެ ސިނގިރޭޓުފޮށިތައް އެތެރެކޮށްފައި ވަނީ "އެކިއުޓް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރާ ނަމަ އެކަމަށް ހާއްސަ ހުއްދައެއް ބޭނުންވެއެވެ. އަދި އެކަމަށް ހާއްސަ ކޯޓާވެސް ބޭނުންވާނެއެވެ.