ބީ-ޓައުންގެ ބައެއް ތަރީން އެމީހުންގެ ފިޓްނަސް އަށް މަޝްހޫރު ވެފައި ވާއިރު އަނެއްބައި ތަރީން ބޮޑަށް މަޝްހޫރީ އެމީހުންގެ ރީތިކަމުންނެވެ. އެތައް ގަޑިއިރެއް ވާންދެން މަސައްކަތުގައި މޭކަޕާ އެކު އުޅުމަށްފަހުވެސް މި ތަރީން އެހާ ރީތިކޮށް ތާޒާކޮށް ތިބެނީ ކިހިނެއްތޯ މިއީ ހިތަށް އަރާނެ ސުވާލެއްކަން ޔަގީނެވެ.
ގިނަ ތަރީންގެ މެދުގައި އާންމު އެއްކަމަކީ މި ތަރީންނަނީ ވަރަށް ގަވައިދުން ސްކިން ކެއާ ރެޖިމީ ފޮލޯ ކުރާ ބައެއް ކަމެވެ. އަދި އެއްވެސް ވަރަކަށް އެމީހުންގެ ލުކް ކޮޕްމްރަސައިޒް ނުކުރާކަމެވެ.
މި ތަރީން ރީތިވުމަށް އަގުބޮޑު ޓްރީޓްމަންޓްސް ތަކާއި ކްރީމްތައް ބޭނުން ކުރާ ކަމަށް ހީކުުރުންވެސް އެއީ މުޅީން ރަނގަޅު ހީއެއް ނޫނެވެ.
ދީޕިކާ ޕަޑުކޯން އިން ފެށިގެން ޕްރިޔަންކާ ޗޯޕްރާ އަށް ބެލިކަމުގައިވިޔަސް ގޭގައި ކުރާ ކުދި ކުދި ކަންކަމަކީ މި ތަރީންގެ ރީތިކަމުގެ އެންމެ ބޮޑު ސިއްރެވެ.
ސެލެބްރިޓީސް އަކީ އެހެން މީހުންގެ ދިރިއުޅުމުގައި، އިންސްޕްރޭޝަން އަށް ބަލަމުން އަންނަ ބައެއް ކަމުން މިފަހަރު މި އާޓިކަލުގައި މި ބަލައިލަނީ އެ ތަރީން ހެނދުނު ހޭލައިގެން ރީތި ވުމުގެ ގޮތުން އެންމެ ފުރަތަމަ ކުރާ ބައެއް ކަންތައްތަކަށެވެ.
އާލިއާ އަކީ ޚާއްސަ ރީތި ކަމެއް ލިބިފައިވާ ތަރިއެކެވެ. އޭނާގެ ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް ހެނދުނު ހޭލައިގެން ފުރަތަމަވެސް މޫނުގައި ހާކަނީ އައިސްއެވެ. ހޭލާއިރު މޫނު ދުޅަވެފައި ހުއްޓަސް އެކަން އައިސްގެ ސަބަބުން ހަމަޔަކަށް އެޅެއެވެ.
ޕްރިޔަންކާ ނުވަތަ ޕީސީ އަކީ ބޮލީވުޑާ ހޮލީވުޑްގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ތަރިއެކެވެ. ޕީސީގެ ރީތި ކަމުގެ ވާހަކަތައް މީސްމީޑިއާގައި އަބަދުހެން ދެކެވޭއިރު އޭނާގެ ފަރާތުންވެސް ރީތި ވުމަށް ކުރާ ކަންތައްތަކުގެ ސިއްރުތައް ފޭނުންނާ ހިއްސާކުރެއެވެ.
ހެނދުނު ހޭލައިގެން ޕީސީ އެންމެ ފުރަތަމަ ފެންވަރާލުމަށްފަހު މުޅިގައިގައި މޮއިސްޗަރައިޒް ކުރާކަމަށްވެއެވެ. ކާށި ތެލާއި ރަނގަޅު ސަންސްކްރީނަކީ އެއާ ނުލައި ޕީސީއަށް ނޫޅެވޭ ދޭއްޗެވެ.
ބީ-ޓައުންގެ ރީތި ތަރީންގެ ތެރޭގައި ހިމެނޭ ކެޓްރީނާ ހެނދުނު ހޭލާގޮތަށް އައިސް ފެނުން މޫނު ދޮންނަ ކަމަށް ވެއެވެ.
ސޮނާކްޝީ އަކީ ކޮންފިޑެންސް ގޯލްސް ދޭ ތަރިއެކެވެ. ރައްޓެހިން އޭނައަށް މުހާތަބު ކުރަނީ ސޯނާ ކިޔާފައެވެ. ސޯނާ ބުނާ ގޮތުން ހެނދުނު ހޭލާގޮތަށް އެންމެ ފުރަތަމަ ކަމަކަށް ބޮނީ ފެންތައްޓެކެވެ. އޭގެ ސަބަބުން ހަށިގަނޑާއި ހަމަށް ވަރަށް ބޮޑެތި ފައިދާ ވާކަމަށް އޭނާ ބުނެއެވެ.
ސޯނަމް އަކީ މީސް މީޑިއާގައި އެކްޓިވް ތަރީންގެ ތެރޭގައި ހިމެނޭ އެއް ތަރިއެވެ. މޭކަޕް ނުކޮށް ހުންނަ ނެޗުރަލް ފޮޓޯ އާންމުކޮށް އޭނާ ހިއްސާކުރެއެވެ.
އިންޓަވިއެއްގައި ސޯނަމް ބުނި ގޮތުގައި ހެނދުނު ގަވައިދުން ލޮރިއޭލް ޕެރިސްގެ ޔޫވީ ޕާފެކްޓް އަކުއާ އެސެންސް ގަވައިދުން އޭނާ ބޭނުން ކުރެއެވެ. އެއީ އަވިން ހަންގަނޑު ސަލާމަތް ކުރުމަށެވެ.
ބަތަލާ ކަރީނާ ހެނދުނު ހޭލާގޮތަށް މޫނުގައި މާމުއި ހޭކުމަށްފަހު މަސާޖް ކުރާކަމަށްވެއެވެ. އަދި ކުޑައިރުކޮޅަކު ބެހެއްޓުމަށްފަހު މޫނު ފިނި ފެނުން ދޮވެލައެވެ.
ރީތި އަދި އުޖާލާ ހަމެއް ލިބިފައިވާ އަނުޝްކާ ބުނާ ގޮތުގައި ހެނދުނު ހޭލާގޮތަށް ފުރަތަމަވެސް ފެންތައްޓެއް ބުއިމަކީ ގަވައިދުން އޭނާ ކުރާ ކަމެކެވެ. އަދި ސަންސްކްރީންއާއި، މޮއިސްޗަރައިޒަރާއި ކްލެންސަރަކީ އޭނާގެ ގޯ-ޓު ސްކިންކެއާ ޕްރޮޑަކްޓްސް އެވެ.
އެހެން ގިނަ ތަރިންނެކޭ ވެސް އެއްފަދައިން ހެނދުނު ހޭލާގޮތަށް ފެން ތައްޓެއް ބުއިމަކީ ދީޕިކާގެ ވެސް ހެލްތީ އަދި އުޖާލާ ހަމުގެ ސިއްރެވެ.
މޭކަޕާ ނުލައި ފޮޓޯތައް މީސް މީޑިއާގައި ހިއްސާކުރާ މަދު ތަރީންގެ ތެރޭގައި ޝްރައްދާ ހިމެނެއެވެ. އޭނާގެ ހެނދުނު ރޫޓިން އަކީ ތަލްގޫ މޮއިސްޗަރައިޒިން ކްރީމެކެވެ.