އަބްދުﷲ ޝިނާން

އިސްލާހީ މަސައްކަތުގައި ދެގޮތެއް ނުވެ ހުންނާނަން: ސިނާން

ޝަހީދާ އަބްދުﷲ ސައީދު

އިސްލާހީ މަސައްކަތުގައި ދެގޮތެއް ނުވެ ދެމިހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރ އަބްދުﷲ ޝިނާން ވިދާޅުވެއްޖެއެވެ.

ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނިކޮށް، ސުޕްރީމް ކޯޓުން ޝިނާންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅުމާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝިނާން ވިދާޅުވީ މިއަދު ފެނިގެން މިދިޔައީ ހުރިހާ ފަރާތްތައް ގުޅިގެން އިސްލާހަށް ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ގައުމުގެ ކަންކަން އިސްލާހު ކުރުމުގައި ދެގޮތެއް ނުވެ ސާބިތުކަމާއެކު އަބަދުވެސް ދެމިހުންނަވާނެ ކަމަށް ވިދާޅުވިއެވެ. ޝިނާން ވިދާޅުވި ގޮތުގައި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެކެވެ.

'' އަޅުގަނޑަކީ ވަރަށް ނިކަމެތި ގޮތަކަށް ގެއިން ނެރެ އެއްލައިލި މީހެއް. 13 މަސްދުވަސް މިދިޔައީ ވަރަށް އެހެން ކަހަލަ ގޮތަކަށް. އަޅުގަނޑަކަށް ނޭނގެ މިއަދު މިހުރެވުނީ ކޮންތާކު، ކޮން ހިސާބެއްގައިކަން ވެސް.'' ޝިނާން ވިދާޅުވިއެވެ.

ޝިނާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ސިޔާސީ ފަރާތްތައް އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމަށް ޝިނާން ވަނީ ސިޔާސީ އިސް ފަރާތްތަކަށް ގޮވާލައްވާފައެވެ.

ޝިނާން މަޖިލީހުގައި ތަމްސީލު ކުރައްވަމުން ދިޔަ މައްޗަންގޮޅީ ދެކުނު ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ އެންޓިޑިފެކްޝަން ގާނޫނަށް ރިއާޔަތްކޮށެވެ. ނަމަވެސް އެނިންމުން ބާތިލުކުރުމަށް ޝިނާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މިއަދު އެކޯޓުން ކުރި ހުކުމުގައި ވަނީ ޝިނާން ގޮނޑި ގެއްލިފައިވާކަމަށް އީސީން ކަނޑައަޅާފައި ވަނީ އެންޓިޑިފެކްޝަންގެ ގާނޫނުގެ ދަށުން ބަޔާންކޮށްފައިވާ ގޮނޑިގެއްލޭ ހާލަތަށް ނުފެތެނީސް ކަމަށެވެ.