ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ސިނާނުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ހުކުމްގައި ބުނެފައިވަނީ ސިނާން ޕީޕީއެމް އިން ވަކިވާން މިދިޔަ އަހަރުގެ ޖުލައި 10ގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތިން ދުވަސް ފަހުން ޖުލައި 13ގައި، އެ މައުލޫމާތު ސިޓީއެއް މެދުވެރިކޮށް އިލެކްޝަންސްއަށް އަންގާފައިވާ ކަމަށް ހުކުމްގައި ބުނެފައިވެއެވެ.
ހުކުމްގައި ބުނެފައިވަނީ 20 ޖުލައި 2017 ވަނަ ދުވަހު ސިނާން ޕީޕީއެމްއިން ވަކިކުރިކަން އެ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް އެންގި ނަމަވެސް، ގާނޫނީ ގޮތުން އޭނާ އެ ޕާޓީން ވަކިވި ކަމަށް ބެލެވޭނީ ޕީޕީއެމްއިން ވަކިވުމަށް އޭނާ ސިޓީ ލީ ތާރީހު ކަމުގައިވާ، 10 ޖުލައި 2017 ގައި ކަމަށެވެ.
އެހެންކަމުން އޭނާގެ ގޮނޑި ގެއްލޭ ފަދަ ހާލަތްތަކުގެ ތެރެއިން އެއްވެސް ހާލަތެއް މެމްބަރު ސިނާން އަށް ކުރިމަތި ނުވާ ކަމަށް ހުކުމްގައި ފާހަގަކޮށްފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
މެންބަރު ސިނާނުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރެއްވި އިރު މިއަދު ހެނދުނު ވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑިވެސް ނުގެއްލޭކަމަށް ހުކުމްކޮށްފައެވެ. އަދި ދާދި ދެންމެއަކު ވަނީ ދަނގެތީ ދާއިރާގެ މެމްބަަރު އިލްހާމް އަހުމަދުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމް ކޮށްފައެވެ.
ބާކީ މިއަދު ހުކުމް އިއްވުން އޮތީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މި މަހުގެ އަށްވަނަ ދުވަހު ވަނީ ކަނޑައަޅާފައެވެ. އެ މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދެވެ.