ރާއްޖެއިން ޔޫރަޕުގެ ގައުމުތަކަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތައް މާކެޓަށް ނެރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދުމާ ބެހޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނާ ފޮރ ޓްރޭޑް، ސިސީލިއާ މެލްމްސްޓްރޮމް، އާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، މިނިސްޓަރު ޝާހިދު، ޔޫރަޕިއަން ކޮމިޝަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކޮމިޝަނާ މެލްމްސްޓްރޮމް ވަނީ ވިލާތުގެ ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
މިނިސްޓަރު ޝާހިދު ވަނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް، ޕައޯލާ ޕަމްޕޮލީނީއާ އާ ވެސް ބްރަސަލްސްގައި ބައްދަލުކުރައްވައިފައެވެ.
މިބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި، ގާނޫނުގެ ވެރިކަން ހިންގުމާއި، އިންސާނީ ހައްގުތަކާއި، އިގްތިސޯދީ ތަރައްގީއާއި އަދި އެނޫންވެސް ދާއިރާތަކުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން އާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ޔޫރަޕިއަން ޕާލަމެންޓްގެ ބައެއް ބޭފުޅުންނާއިވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވިއެވެ.
އެގޮތުން ޔޫރަޕިއަން ޕާލަމެންޓް މެންބަރުން ކަމަށްވާ ތޯމަސް ޒެޗޮވްސްކީ، ޗާރލްސް ޓެނޮކް އަދި ޖީން ލަމްބާރޓްއާއި ވެސް ޝާހިދު ބައްދަލުކުރެއްވިއެވެ. ޖީން ލަމްބާރޓަކީ ޔޫރަޕިއަން ޕާލަމެންޓްގެ ދެކުނު އޭޝިއާގެ ގައުމުތަކާއި ބެހޭ ޑެލިގޭޝަންގެ ޗެއާއެވެ.
މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވި ޔޫރަޕިއަން ޕާލަމެންޓްގެ މެންބަރުން ވަނީ ޑިމޮކްރަސީ އިޔާދަކޮށް، އިސްލާހީ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް މަރުހަބާ ދަންނަވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ދިވެހިރާއްޖޭގައި ޑިމޮކްރަސީ އަށަގަނެ، ކުރިއަރުވަން ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަގީންކަން އެބޭފުޅުން ޝާހިދަށް އެރުވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.