ގެއްލިގެން ހޯދަމުން އަންނަ 14 އަހަރުގެ ޝައިމް އަބްދުﷲ ގެ މައުލޫމާތު ހާމަކުރެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، އަދި މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނޫސްވެރީންނަށް މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި، ޖެންޑާ މިނިސްޓްރީން ވަނީ ޝައިމްގެ މައްސަލަތައް އެންމެ ކުރީއްސުރެ ފެށިގެން މި މަހުގެ 18 ވަނަ ދުވަހު އޭނާ ގެއްލުމާއި ހަމަޔަށް މީޑިއާއަށް ހިއްސާކޮށްފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ ޝައިމްގެ މައްސަލައެއް ރިޕޯޓުކޮށްފައި ވަނީ މީގެ ނުވަ ވަރަކަށް އަހަރު ކުރީން ކަމާއި އޭގެ ފަހުން އެކި ފަހަރު މަތީން އޭނާގެ ރިޕޯޓުތައް ލިބިގެން ގޮސްފައިވާކަން އެ މިނިސްޓްރީން ފާހަގަކުރި އެވެ. އެންމެ ފަހުން އޭނާ ކުޑަކުދީންގެ ހިޔާއަށް ގެންދިޔައީ، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ކުށުގެ ވެށީން ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އީވާ ވިދާޅުވީ، އެ ކުއްޖާގެ މުޅި ހަޔާތުގައި ދިމާވެފައިވާ ހާދިސާ ތަކާއި ހާލަތުތަކަށް ބަލާ އިރު، އޭނާއަށް ދައުލަތުގެ ފަރާތުން ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭ ސަބަބުތައް ވަކީން ގިނަ ކަމަށެވެ.
"މި ގޮތަށް އެ ކުއްޖާގެ މައުލޫމާތުތައް އާންމުކޮށް ފަޟީހަތް ކުރުމުން، އިހުތިރާމާ އެކު ގަދަރުވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ގެއްލިގެން އެބަދޭ. މިހާރު އެކުއްޖާ ހުރީ އަދި ކޮންމެ ހާލަތެއްގައި ނަމަވެސް، އެއީ އޭނާ ގަސްދުގައި އިޚުތިޔާރުކުރި ގޮތެއް ނޫން. އެއީ އަދި އެންމެ 14 އަހަރުގެ ކުއްޖެއް." އީވާ ވިދާޅުވި އެވެ.