ފޮރިން މިނިސްޓްރީ

ޕީއެންސީން ސަރުކާރަށް: ލުތުފީ ދިވެހި އެމްބަސީގައި ބެހެއްޓީ ކޮން ހައިސިއްޔަތަކުންތޯ؟

ޝަހީދާ އަބްދުﷲ ސައީދު

ނޮވެންބަރު 3 ގެ އުދުވާނުގައި 19 ދިވެހިން ޝަހީދުކޮށްލި ހާދިސާގައި އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ގެންގުޅުނީ ކޮން ހައިސްޔަތަކުންތޯ، ޕީއެންސީން ސަރުކާރަށް ސުވާލު އުފައްދައިފިއެވެ.

ޕީއެންސީން މިރޭ ނެރުނު ބަޔާނުގައި ބުނީ، މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލުތުފީ އެމްބަސީގައި ބަހައްޓާފައިވަނީ ކޮން ހަމައަކާއި ކޮން އުސޫލަކުންތޯއާއި އަދި ބައިނަލްއަގްވާމީ ކޮން މުއާހަދާއެއްގެ ދަށުންތޯ ދިވެހި ޚާރިޖިއްޔާއާ ސުވާލު އުފައްދާ ކަމަށެވެ. އަދި އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވުމުން ލުތުފީ ރާއްޖެ ގެނައުމުގައި ފުރިހަމަ ކުރަންޖެހެނީ ކޮން އިޖުރާއަތުތަކެއްކަން ތަފްސީލްކޮށް ބަޔާންކޮށްދިނުމަށްވެސް ޕީއެންސީން އެދިފައިވެއެވެ.

މައްސަލައާ ގުޅޭގޮތުން މިއަދު ދިވެހި ޚާރިޖިއްޔާއިން ނެރެފައިވާ ނޫސްބަޔާނަކީ އެއްވެސް ތާކުންތާކުޖެހޭ ބަޔާނެއް ނޫން ކަމަށާއި ލުތުފީއަކީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން އުމުރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޭސްފަރުވާއަށް ސްރީލަންކާއަށް ފޮނުވުމުން ފިލައިގެން އުޅޭކަމަށް އޭރުގެ ސަރުކާރުން އިއުލާންކޮށްފައިވާ ކުށްވެރިއެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން، އޭނާ އަމިއްލައަށްވިޔަސް އަދި އެެހެންގޮތަކުން ވިޔަސް ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވާން އެދުމުން އެކަން ދިވެހިރާއްޖޭގެ މީޑިއާތަކަށާއި ދިވެހި ރައްޔިތުންނަށް ސަރުކާރުން ވަގުތުން ހިއްސާކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވެފައި އޮތުމަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ވެފައިވާ އެއްވެސް ބައިލެޓްރަލް އެގްރީމަންޓަކަށް އޭގެ ސަބަބުން ބުރޫއަރާނެ ކަމެއް ނޫން ކަމަށާއި އަދި ދެ ގައުމުގެ ދެމެދުގައި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަކާ ކޮމަންވެލްތުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ނެތުމަކާ އެއްވެސް ގުޅުމެއްނެތް ކަމަށް ބަޔާނުގައި ވެއެވެ.

އެހެންކަމުން ދެގައުމުގެ ދެމެދުގައި ވެފައިވާ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ސައްހަކަމާމެދު ސުވާލު އުފެދޭނެ އެއްވެސް ޖާގައެއްނެތް ކަމަށާއި އަދި މިސަރުކާރު ވެރިކަމާ ހަވާލުވިފަހުންވެސް ރާއްޖެއާ ސްރީލަންކާއާ ދެމެދު ކުށްވެރިން ބަދަލުކުރެވިފައިވާކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އަދި ލުތުފީ ދެ މަސްދުވަސް ވަންދެން ލަންކާގައި ހުންނަ އެމްބަސީގައި ބަހައްޓައި އެކަން ސިއްރުކޮށްގެން ތިބުމަކީ މި ސަރުކާރުން ދިވެހިރައްޔިތުންނަށާއި ނޮވެމްބަރު 3 ގައި ޝަހީދުވި 19 އަބްތޯލުންނަށާއި އެ އަބްތޯލުންގެ އާއިލާތަކަށް ވެފައިވާ އިންސާފުން އެއްކިބާވެފައިވާ ހަޑިމުޑުދާރު އަމަލެއް ކަމަށް ޕީއެންސީން ބުންޏެވެ.

އަދި އެކަން ދިވެހި ސަރުކާރުން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ހުރިކަމުގެ ވާހަކަތަކެއް ފެތުރުމުން ކަމަށާއި ލުތުފީ ހޯދުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން މި ސަރުކާރުގެ ހޯމް މިނިސްޓަރާ ސުވާލުކުރުމަށް 16 ޖޫން 2019ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަޖިލީހަށް ހުށައަޅުއްވާފައިވާއިރުވެސް މިމައްސަލައިގައި މިސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ ހަނުުރުމަކީ ސަރުކާރުގެ އިޚްލާސްތެރި ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާގެ ސަބަބުން ލުތުފީ ގެނައުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ޚާރިޖިއްޔާގެ ބަޔާނުގައި ބަޔާންކޮށްފައިވާއިރު، ބޮމުގެ ހަމަލާއާ ގުޅިގެން ލަންކާގައި ހައްޔަރުކުރެވުނު ދިވެހިންގެ ކަންކަންވެސް ދެސަރުކާރުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކާއެކު ހައްލުކުރެވިފައިވާ ކަމަށް ބުންޏެވެ.

އެހެންކަމުން ލަންކާގެ ބޮމުގެ ހަމަލާގެ ސަބަބުން ލުތުފީ ގެންނަން ދަތިތަކެއް ހުރިކަމަކަށް ނުދެކޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

''ލުތުފީ އެމްބަސީއަށް ގޮސްފައިވަނީ ލަންކާއަށް ދިން ބޮމުގެ ހަމަލާގެ މާކުރިންކަމާއި، އޭނާ އެމްބަސީގައި ހުންނަތާ 3 މަސްދުވަހާ ގާތްވެފައިވާކަން އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެއެވެ. އަދި ދާދިފަހުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ވަފުދެއް ލަންކާއަށް ކުރި ދަތުރުގައި ލުޠުފީގެ މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާކަންވެސް ކަށަވަރުވެއެވެ. ދިވެހި ސަރުކާރުން މިމައްސަލައިގައި ރައްޔިތުންނަށް އޮޅުވާލުންތަކެއް އޮޅުވާލައި، ގަސްތުގައި ލުތުފީ ފޮރުވައިގެން ގެންގުޅެފައިވާކަމީ، ހާމަކަންބޮޑު ގޮތެއްގައި އެނގެން އޮތް ހަގީގަތެކެވެ.'' ޕީއެންސީގެ ބަޔާނުގައި ވެއެވެ.

އަދި 19 ދިވެހިން ޝަހީދުކޮށްލި ގާތިލަކު ފޮރުވައިގެން، އެކަން ސިއްރުކޮށް، ހިންގާއިފައިވާ ޖަރީމާއަށް ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ޕީއެންސީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.