ޚަބަރު

ރުއްގަސް ކަނޑާ ގިނަ މައްސަލަތަކެއް އެބަ ލިބޭ، މިދަނީ ފިޔަވަޅު އަޅަމުން: އީޕީއޭ

އަހުމަދު ޖައިޝަން

ފަހަކަށް އައިސް މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގާ މައްސަލަތަކެއް ހުށަހަޅަމުން ގެންދާ ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭ އިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ ބައެއް ރަށްރަށުން ގިނަ އަދަދަކަށް ރުއްގަސް ކަނޑައިގެން ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދާ ކަމުގެ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެފަދަ ކަމެއް ކުރެވޭނީ "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމާ ބެހޭ ޤަވާއިދު"ގައި ބުނެފައިވާ ގޮތުގެ މަތީން އީޕީއޭއިން ހުއްދަ ލިބިގެންނެވެ.

އީޕީއޭ އިން ބުނީ ރުއްގަސް ކެނޑުމާއި ނެގުމާއި އުފުރުން ނުވަތަ އެއް ރަށުން އަނެއް ރަށަށް ގެންދެވޭނީ ކޮންމެހެން އެނޫން ގޮތެއް ނެތިގެން ހަމައެކަނި ޒަރޫރީ ބޭނުމަށް އެކަނި ކަމަށެވެ.

އެފަދަ ހާލަތަކާ ނުލައި ހުއްދަ ވެސް ނުނަގައި އެކަން ކުރަމުން ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން އަންނަ ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.

ށ. ޅައިމަގުން ގިނަ އަދަދަކަށް ރުއްތަކެއް ކަނޑައިގެން ބޭރުކުރަމުން ގެންދިޔަ ކަމުގެ މައްސަލައެއް ވަނީ ދާދި ފަހުން ފެންމަތިވެފައެވެ. އެގޮތުން އެރަށުން ގާތްގަނޑަކަށް 500 އެއްހާ ރުއް ކެނޑުމާ ގުޅިގެން ރަށުގެ ރައްޔިތުން ނުރުހުން ފާޅުކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އެކަމާ ގުޅޭގޮތުން "ވަން އޮންލައިން" އިން އެރަށު ކައުންސިލްގެ ރައީސް އަބްދުލް ޣަނީ އިބްރާހީމް އާ ސުވާލު ކުރުމުން ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ އެރަށުގެ އެއްވެސް މީހަކު ނުރުހުން ފާޅުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ރުއް ކެނޑި ކަމާމެދު ސުވާލު ކުރުމުން އޭނާ އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.