ރާއްޖޭގެ ވެރިކަން ކުރާ ހުރިހާ ރަށްތަކެއް ސިޓީތަކުގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސް ޔާމިންގެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިރޭ އިފްތިތާހުކުރި ހިޔާ އެކޮމްޕްލިޝްޑް އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ކުރިއަށްދާ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީންގެ ކުރިއަށް އޮތް ދައުރުގައި ރާއްޖޭގެ ވެރިކަން ކުރާ ހުރިހާ ރަށަކީ ސިޓީތަކުގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށާއި، އެކަން ކުރާނީ އެކަށީގެންވާ އިންފްރާސްޓްރަކްޗާއާއި ވަސީލަތްތަކާވެސް އެކުގައެވެ.
"ރާއްޖޭގެ ކޮންމެ ރަށެއްގެ ވެރިކަން ކުރާ ރަށަކީ މޮޑާން ލިވަބަލް، ސިޓީއަކަށް ބަދަލުކޮށްދެއްވާނެ. ސިޓީއަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި ސިޓީއަށް ބޭނުންވާ އިންފްރާސްޓްރަކްޗާޓަކާއެކު އެ ރަށްތައް ސިޓީތަކުގެ ދަރަޖައަށް ތަރައްގީކޮށްދޭނެ ކަމަށް މެނިފެންޓޯގައި ބަޔާން ކޮށްދެއްވާފައި އެބައޮތް. މިހާރު ގާނޫނުގައި އޮތް ގޮތުން 10،000 މީހުން ހަމަވެގެން ނޫނިއްޔާ ސިޓީއަކަށް ވާކަށް ނެތް. ދެން އެމްޑީޕީ ސަރުކާރުގައި ސިޓީތައް ހެދި. ބޯޑު އެކަނި ސިޓީއަކަށްވީ. ރައީސް ޔާމީން ވަޑައިގެން އައްޑޫވެސް ސިޓީއަކަށް ހައްދަވާ ދެއްވީ. އޭގެ ތެރޭގައި މަގު ހެދުމާ، 600 ހައުސިން ޔުނިޓް ގާއިމް ކުރުންވެސް ހިމެނޭނެ،" މުއިއްޒު ވިދާޅުވިއެވެ.
ރަށްރަށުން ލިބުނު ހިޔާލުތަކާއެކު، ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށް އޮތް ދައުރުވެސް ރައީސް ޔާމީން ވެރިކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އިރު، އަންނަ ދައުރުގައި ކޮންމެ ރަށެއްގައިވެސް އައުޓްޑޯ ޖިމްއަކާއި މޫދަށް އެރޭނެ ސަރަހައްދުތައް ގާއިމްކުރާނެ ކަމަށް މެނިފެސްޓޯގައި ހިމެނިފައިވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"މޫދަށް އެރޭނެ ރަނގަޅު ފެންވަރުގެ ސަރަހައްދެއް ގާއިމްކޮށް، ކޮންމެ ރަށެއްގައި ބީޗުތައް ތަރައްގީކޮށް، ޕާކުތައް ތަރައްގީކޮށް، ހުރިހާ ރަށެއްގައިވެސް އައުޓްޑޯ ޖިމް ގާއިމް ކުރުމަކީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން،" މުއިއްޒު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ މިހާރު ތަރައްގީ ކުރާ ހިޔާ މަޝްރޫގައި ފްލެޓަށް ފޯމުލާފައިވާ ކޮންމެ މީހަކަށްވެސް ފްލެޓް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށެވެ.