ޚަބަރު

ކޮންކްރީޓް ޝީޓު ބްލޮކެއް ވެއްޓި، އަނިޔާވި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ހޮސްޕިޓަލުން ދޫކޮށްލައިފި

ހ. ރުއްދޮށުގެ ދެވަނަ ފަންގިފިލާގެ ގެއެއްގެ ކޮންކްރީޓް ޝީޓު ބްލޮކެއް ވެއްޓުނު ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން އެކަކު ފިޔަވައި، އެހެން އެންމެން އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ދޫކޮށްލާފައި ނުވަނީ 19 އަހަރުގެ ޒުވާނެކެވެ. އެ ހާދިސާގައި ދެން އަނިޔާ ލިބުނު ތިން މީހުންނާއި 16 އަހަރުގެ ކުއްޖާ، މިހާރު ވަނީ ދޫކޮށްލައިފައެވެ.

އެނގިފައިވާ ގޮތުގައި މިއަދު ހިނގި އެ ހާދިސާގައި އަނިޔާ ލިބުނު 19 އަހަރުގެ ފިރިހެނެއްގެ ކަނާތު ފައިގައި ވަނީ ރެނދުލައިފައެވެ. އަދި މީގެ ކުރިން ހިނގި އެކްސިޑެންޓެއްގައި އޭނާގެ ބޮލުގެ ނާށިގަނޑުގައި ރެނދުލާފައިވާކަން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ހެދުމުން ވަނީ ފާހަގަވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބެލްކަނި ދަށުވި ހަތަރު މީހުންގެ ތެރެއިން ދެމީހަކު ހޮސްޕިޓަލަށް ގެންދިޔައިރު އަނގަ އާއި ނޭފަތުން ލޭ އަންނަމުން ދިޔައެވެ. އަދި އެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލުތަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ.