ޑރ. މުހައްމަދު މުއިއްޒު

ހިޔާ ފުލެޓްތަކުގެ ކުއްޔަކީ 5600 ރުފިޔާ، އެޗްޑީސީން ކަނޑައެޅީ ބޮޑު އަގެއް: ޑރ. މުއިއްޒު

ޝަހީދާ އަބްދުﷲ ސައީދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި ފުލެޓްތަކުގެ މަހު ކުއްޔަކީ 5600 ރުފިޔާ ކަމަށާއި އެޗްޑީސީން މިހާރު ވަނީ ފުލެޓްތަކުގެ މަހު ކުލި ބޮޑުކޮށްފައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ ފުލެޓްތަކުގެ މަހު ކުއްޔަށް 11،000 ރުފިޔާ ދައްކަންޖެހޭނެ ކަމަށާއި އެ އަދަދު ކުޑަކުރުމަށް ސަރުކާރާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް އެޗްޑީސީން އިއްޔެ ބުނެފައިވަނިކޮށް، މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާ ފުލެޓްތަކުގެ މަހު ކުއްޔަކީ 5600 ރުފިޔާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ކަނޑައަޅައިފައިވާ ކަމަށެވެ.

އެގޮތުން 2018 ގެ އޮކްޓޯބަރު 17 ގައި ހިޔާ ފުލެޓްގެ މަހު ކުލި ކަނޑައަޅައި ރައީސް ޔާމީން ވަނީ ހައުސިން މިނިސްޓްރީއަށާއި އެޗްޑީސީއަށް އެކަން އަންގަވާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ހިޔާ މަޝްރޫއުގެ އަގުތައް ހަދާފައިވާ ގޮތުގެ ތަފްސީލުތަކާއެކު ކުރެއްވި ޓުވީޓުގައިވަނީ ޕްރޮޖެކްޓާ ގުޅުންހުރި ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް ބަލާއިރު ގިނަވެގެން މަހަކު 7000 ރުފިޔާ ނަގައިގެންވެސް 15 އަހަރުގެ ތެރޭގައި އެޗްޑީސީއަށް ފައިދާވާނެ ކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިިރެކްޓަރު ސުހައިލް އަހުމަދު އިއްޔެ ވިދާޅުވީ ކުރީގެ ސަރުކާރުން ފުލެޓުތަކުގެ މަހު ކުލީގެ ގޮތުގައި 11،000 ރުފިޔާ ނަގަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެ އަގު ކުޑަކުރުމަށް މިހާރު ސަރުކާރާ ވާހަކަދައްކަވަމުން އަންނަ ކަމަށެވެ.

ސުހައިލު ވިދާޅުވީ 7000 ފްލެޓްގެ ޕްރޮޖެކްޓްގެ ސްޓަކްޗާއަށް ބޮޑެތި ބަދަލުތަކެއް މިހާރު ނެގެސްފައިވާ ކަމަށާއި، އެ ޕްރޮޖެކްޓް ނިމޭއިރު ހުންނާނީ 6860 ފްލެޓް ކަމަށެވެ.

ސުހައިލު ވިދާޅުވި ގޮތުގައި މަސައްކަތް އެއްކޮށް ނިންމައި އަންނަ އަހަރުގެ މާރިޗު މަހު ފުލެޓަށް ވަދެވޭނެ އެވެ.

އަދި މިއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށާއި އެޕާޓްމަންޓެއްގައި ހުންނާނީ 550 އަކަފޫޓު ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 25 ބުރިއަށް އިމާރާތް ކޮށްފައި ހުރި މިއިމާރާތުގައި ބޮލޮކެއްގައި 450 ފްލެޓް ހުންނާނެ ކަމަށާއި ބްލޮކެއްގައި ގާތްގަނޑަކަށް 2000 މީހުންނަށް ދިރިއުޅެވޭނެ ކަމަށެވެ.