ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިސްލާމިކް ޔުނިވާސިޓީގެ ހިންގުން މެދުކަނޑާނުލައި ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ހިންގުން މެދުކަނޑާނުލައި ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫއްރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ ޔުނިވާސިޓީގެ ހިންގުން މެދުކަނޑާނުލައި ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވަނީ އެމަނިކުފާނު މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުސަތެއް މި ސަރުކާރުން ބަންދެއް ނުކުރާނެ ކަމަށެވެ.

"އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ހިންގުން މެދުކަނޑާނުލައި ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުސަތެއް މި ސަރުކާރަކުން ބަންދެއް ނުކުރާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވަނީ އިސްލާމިކް ޔުނިވަސިޓީއެއް ވަކީން ހިންގުމަށް ވުރެ، ގައުމީ ޔުނީވާސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ރަނގަޅު ފެންވަރެއްގައި އެކަން މާރަނގަޅަށް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. މިކަމަށް އެތައް ބައެއްގެ ފާޑުކިއުން އަންނަނީ އަމާޒުވަމުންނެވެ. ހިސާން މިހެން ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

އެކަމާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން ވެސް ވަނީ ހިޔާލުފާޅުކުރައްވައިފައެވެ. ރައީސް މައުމޫން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރިކުރުމަށާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށް، ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށެވެ.