ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

އިންޑިއާގެ ޕްރެޝަރު ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރި: ރައީސް މައުމޫން

2

އިންޑިއާ އިން ކުރި ޕްރެޝަރު ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ ދަ ޓެލެގްރާފަށް އެމަނިކުފާނު ދެއްވި އިންޓަވިއުއެއްގަ އެވެ.

މައުމޫނުގެ އިންޓަވިއުގައި ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެެނެސް، ރާއްޖޭގައި ޑިމޮކްރެސީ އަލުން އިއާދަ ކުރުމުގައި އިންޑިއާ އިން ރާއްޖެ އަށް ކުރި ޕްރެޝަރު މުހިންމު ދައުރެއް އަދާކޮށްފައިވެ އެވެ. އާ ސަރުކާރުން ނިއުދިއްލީގެ ކަންބޮޑުވުން ތަކާ މެދު ވިސްނާނެ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން ދިވެހި ގައުމަށް ބޮޑެތި ގެއްލުންތަކެއް ދެއްވާފައިވާ ކަމަށް ވެސް ރައީސް މައުމޫނުގެ އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

"މިދިޔަ އަހަރު ތަކުގެ ތެރޭގައި ރާއްޖޭގެ އެކި މުއައްސަސާ ތަކުގެ ބާރު ވަނީ ކަނޑުވާލާފައި. ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައި." ރައީސް މައުމޫނުގެ އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

ރައީސް މައުމޫނުގެ އިންޓަވިއުގައި ވަނީ ރާއްޖޭއަށް ޗައިނާއިން ނަގާފައިވާ ލޯނު ތަކާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވައިފަ އެވެ.

"އަޅުގަނޑުމެންގެ ތަރައްގީއަށް ޗައިނާ އިން އެހީ ވާތީ އެކަމުގެ އަގު ވަޒަންކުރަން. އެކަމަކު މިދިޔަ އަހަރު ތަކުގެ ތެރޭގައި އޭގެ ދަރަނި އަރާފައިވާ މިންވަރުން އަޅުގަނޑުމެން ކަންބޮޑުވަން." ރައީސް މައުމޫނު ވިދާޅުވެފައިވެ އެވެ.

ރައީސް މައުމޫނު މިމޭރުމުން ވާހަކަދައްކަވައިފައިވާ އިރު އެމަނިކުފާނުގެ ދަރިކަނބަލުން އަދި ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވެސް ދާދި ފަހުން ވިދާޅުވެފައި ވަނީ ޗައިނާ އާއި އިންޑިއާ ދެމެދު އޮންނަ ގުޅުން ބެލެންސް ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟