ހެންވޭރު ގެއެއްގެ ކޮންކްރީޓް ޝީޓު ބްލޮކެއް ވެއްޓި، ހަތަރު މީހަކަށާއި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހ. ރުއްދޮށުގެ ދެވަނަ ފަންގިފިލާގެ ކޮންކްރީޓު ޝީޓު ބްލޮކެއް ވެއްޓި، ހަތަރު މީހަކަށާއި 16 އަހަރުގެ ކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ ބެލްކަނީގެ ސިމެންތި ޝީޓް ވެއްޓުނު ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު އިރުއޮއްސުނު ވަގުތުގައި ކަމަށާއި މި ހާދިސާގައި އަނިޔާވި މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބެލްކަނި ދަށުވި ހަތަރު މީހުންގެ ތެރެއިން ދެމީހަކު ހޮސްޕިޓަލަށް ގެންދިޔައިރު އަނގަ އާއި ނޭފަތުން ލޭ އަންނަމުން ދިޔައެވެ.
އަދި އެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލުތަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ.