ޚަބަރު

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާބެހޭ 7 މައްސަލައެއް ޖޭއެސްސީން ބަލަނީ

އިބްރާހިމް ޒަކީ

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާބެހޭގޮތުން ހުށަހެޅިފައިވާ 7 މައްސަލައެއް ބަަލަމުންދާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން މިއަދު ކުރިއަށްގެންދިޔަ މަސައްކަތްތަކާބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ މީޑީޔާ އޮފިޝަލް ހަސަން ޒަހީނު މިއަދު ވިދާޅުވީ، ނަޖީބާބެހޭ ތިން މައްސަލައެއް މިއަދު ވެސް ކޮމިޝަނަށް އެޖެންޑާ ކޮށްގެން ހުށަހެޅިފައިވާކަމަށެވެ.

އެހެންކަމުން މީގެ ކުރިން ހުށަހެޅިފައިވާ މައްސަލަތަކާ އެކު މިހާރު، ނަޖީބާބެހޭ 7 މައްސަލައެއް ޖޭއެސްސީން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާޒީ ހަސަން ނަޖީބުގެ އިތުރުން އެހެންކޯޓުތަކުގެ ބައެއް ގާޒީންގެ މައްސަލަތަކެއްވެސް ޛޭއެސްސީން ގެންދަނީ ބަލަމުންނެވެ.

އެގޮތުން ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހިމްއާ ބެހޭގޮތުން ޖޭއެސްސީއަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލައެއް ވެސް ހިމެނެއެވެ.

ހަސަން ޒަހީން ވިދާލުވީ އެ މައްސަލައަކީ ބަންޑާރަނާއިބުގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

އެ މައްސަލަ ބެލުމަށް ޖޭއެސްސީގެ ތިން މެންބަރުންގެ ސަބް ކޮމިޓީއެއް ނަގައި އެ ކޮމިޓީއާ މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ އެ މައްސަލަ ބެލުމަށް ހަވާލު ކޮށްފައިވާ ތިން މެންބަރުންގެ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ހުސްނީ އާއި މެންބަރުން ކަމުގައިވާ ހިސާން ހުސެއިން އާއި އަބުދުއްްރައޫފް އިބްރާހިމް ކަމަށެވެ.