ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

414 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި

ޝަހީދާ އަބްދުﷲ ސައީދު

ބައިނަލްއަގްވާމީ ގޮތުން "މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް" ފާހަގަކުރުމަށް މިއަދު ހަވީރު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި 414 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ނައްތައިލައިފިއެވެ.

ފުލުހުން ބުނީ، ތަފާތު 3156 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 416.9 ކިލޯގްރާމްގެ މަސްތުވާތަކެތި މިއަދު ނައްތާލާފައިވާއިރު، މިއީ މަގުމަތީގެ އަގުން ބަލާނަމަ ގާތްގަނޑަކަށް 414 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެއެވެ.

މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ހިމެނެއެވެ.

އެގޮތުން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ގދ. އަތޮޅު ފަޅުރަށެއްކަމުގައިވާ ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެއްޗާއި 2019 ވަނަ އަހަރު މެއި މަހުގެ 6 ވަނަ ދުވަހު އިރާންގެ ބޯޓެއްކަމަށްވާ ނަސީރީ ބޯޓުުން އަތުލައިގަނެވުނު 50 ކިލޯގެ މަސްތުވާތަކެތި ހިމެނެއެވެ.

އަދި 2016 ވަނަ އަހަރު ޖޫން 6 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 29 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 2014 ވަނަ އަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހު އީރާންގެ ބޯޓެއްކަމަށްވާ ފޮރުމޯޒް އިން ރާއްޖެ އެތެރެކުރަންއުޅުނު 24 ކިލޯގެ މަސްތުވާތަކެތި ވެސް ހިމެނެއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާއިމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވާލެއްވި ފަސް މެމްބަރުންގެ ކޮމިޓީގެ ބެލުމުގެ ދަށުން މިއަދު ދޫނިދޫގައި ނައްތާލާފައިވާ މަސްތުވާތަކެއްޗަކީ 2014 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 2019 ޖޫން މަހާ ހަމައަށް، ފުލުހުންގެ މުއައްސަސާއަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން ޝަރީއަތުގެ އެކި މަރުހަލާތައް ނިމިފައިވާ މައްސަލަތަކުގައި ހިފެހެއްޓިފައިވާ މަސްތުވާތަކެއްޗާއި ޝަރީއަތުގެ މަރުހަލާގައިވާ މައްސަލަތަކުގައި ހިފަހެއްޓިފައިވާ މަސްތުވާތަކެތީގެ ބަރުދަނަށް ބަލައި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކުރެވޭ މިންވަރުގެ ދެ ބެހެއްޓުމަށްފަހު ބާކީ މަސްތުވާތަކެއްޗާއި، ތުހުމަތުކުރެވޭ ފަރާތެއްނެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މަސްތުވާތަކެތި ކަމަށެވެ.

ފުލުހުން އިސްނަގައިގެން ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޕްރޮސިކިއުޓާ ޖެނެރަލް ބިސާމްއާއި ފުލުހުންގެ ސީނިއާ އޮފިސަރުންނާއި މަސްތުވާތަކެތިި ނައްތާލުމަށް އެކުވަލާލި ކޮމިިޓީގެ މެމްބަރުންނާއި މީޑިއާތަކުންނާއި ބައެއް އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.

މިއީ މިފަދަ ގޮތަކަށް ފުލުހުންގެ ތާރީޚްގައި ގިނަ އަދަދަކަށް އެއްފަހަރާ މަސްތުވާތަކެތި ނައްތާލި ފުރަތަމަ ފަހަރު ކަމަށް ފުލުހުން ބުންޏެވެ.