ޚަބަރު

ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިގުދެމިގެންދާތީ ޖޭއެސްސީން އެކަން ބަލަނީ، ފަށަނީ ކްރިމިނަލް ކޯޓުގެ މައްސަލަތަކުން

ޝަރުއީ ކޯޓުތަކުގައި މައްސަލަތައް ނުނިމި، އާދަޔާ ހިލާފަށް ދިގުދެމިގެންދާތީ، އެ މައްސަލަތައް ލަސްވާން ދިމާވާ މައިގަނޑު ސަބަބުތަކަކީ ކޮބައިތޯ ދެނެގަނެ، ފަނޑިޔާރެއްގެ ސަބަބުން ދިމާވާ ކަމެއް ނަމަ، އެފަދަ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމި ކަންތައްތަކުގެ ތެރެއިން އެއް ކަމަކީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނުނިމި، އާދަޔާ ހިލާފަށް ދިގުދެމިގެންދާކަމުގެ ޝަކުވާ ލިބެމުންދާތީ، އެ މައްސަލަތައް ބަލައި، ފަނޑިޔާރެއްގެ ސަބަބުން މައްސަލަތައް ބެލުން ލަސްވާ ނަމަ، އެ ފަނޑިޔާރަކާ މެދު ސުލޫކީ މައްސަލަ ބެލުމެވެ.

ޖޭއެސްސީން ފުރަތަމަ ބެލުމަށް ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ އެފަދަ މައްސަލަތަކެވެ. އެ މައްސަލަތައް ބެލުމަށް ޖޭއެސްސީން މިއަދު ވަނީ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ވެސް ނަގައިފައެވެ.

އެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހީމާއި ނައިބު ރައީސް މަސްތޫރު ހުސްނީ އަދި މެމްބަރު ހިސާން ހުސައިންއެވެ.