ޚަބަރު

ޝައިމް ގެއްލިފައިވަނީ ބަލަންވާ މިންވަރަށް ނުބެލުމުން: ޖެންޑާ މިނިސްޓްރީ

ގެއްލިގެން ހޯދަމުން އަންނަ 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލިފައިވަނީ އެންމެ ބަލަންވާ މިންވަރަށް ނުބެލުމުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޝައިމް ގެއްލުނު މައްސަލައިގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހެން ވިދާޅުވީ މިނިސްޓަރ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސް ޝީދާތާ ޝަރީފެވެ.

ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝިދާތާ ވިދާޅުވީ ޝައިމް ގެއްލުނީ އެންމެ ބަލަންވާ މިންވަރަށް ނުބެލުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންނަކީ ވަކި ކަހަލަ ކުދިން ގެންގުޅުމުގެ ތަމްރީނު ލިބިފައިވާ ބައެއް ނޫން ކަމަށާއި އަދި ކުޑަކުދިންގެ ހިޔާއަކީ އެކަމަށް އެންމެ އެކަށޭނެ ވަސީލަތްތައް ވެސް ނެތް ތަނެއް ކަމަށް ޝިދާތާ ފާހަގަ ކުރެއްވިއެވެ.

ޝައިމް ގެއްލުނު ރޭ ތިން ފަހަރެއްގެ މަތިން އޭނާ ނިދާ ކޮޓަރީގައި އޭނާ އޮތްތޯ މުވައްޒަފުން ބެލި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މުވައްޒަފުންނާ ސުވާލު ކުރުމުން ޝައިމް ނިދަނީ މޫނުގައި ބެޑްޝީޓް އަޅައިގެން ކަމަށާއި އޭނާ ނިދާފައި އޮތްތޯ ބެލުމަށް ބެޑްޝީޓް މޫނުމަތިން ނުނަގާކަން ފާހަގަވި ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ޝައިމް ފިލާފައިވާ ގޮތް ދެނެގަތުމުގެ މަސައްކަތް ފުލުހުންނާއެކު ކުރަމުން އަންނަ ކަމަށެވެ. އަދި ކަން ހިނގިގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް ޝިދާތާ ވިދާޅުވިއެވެ. ޝައިމް ނިދުމަށް ހަމަޖެހިފައިވާ ކޮޓަރިއާ ޖެހިގެން ހުންނަ ކޮޓަރީގެ މަރާމާތުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ކޮޓަރީގެ ކުޑަދޮރުގެ ތޭރިތައް ނައްޓާފައިވާކަން ފާހަގަވެފައިވާ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ. އަދި މި ކުޑަދޮރުން ބޭރަށް ފުރާޅުމައްޗަށް ފުއްމާލައިގެން ފިލުމުގެ ފުރުސަތު އޮތްކަން ޝިދަތާ ފާހަގަކުރެއްވިއެވެ. ނަމަވެސް ޝައިމް ފިލާފައި ވަނީ މި ކުޑަދޮރުން ބޭރަށް ފުންމާލައިގެންކަން އަދި ކަށަވަރު ނުވާ ކަމަށާއި، ކަން ހިނގި ގޮތް ސީސީޓީވީ ފުޓޭޖްގެ އެހީތެރިކަމާއެކު ހޯދަމުން އަންނަ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ޝައިމްގެ މައްސަލަ ފުރަތަމަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން 2015ގައި އޭނާ ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ. ޝައިމް ގެއްލިގެން ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދިފައިވަނީ އޭނާ ދެވަނަ ފަހަރަށް ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށަށް ގެނައުމަށް އެސެސްމަންޓެއް ހެދުމަށް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނިކޮށެވެ.