ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރާ ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކަކާ ގުޅިގެން އޭނާގެ އެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މެޖިސްޓްރޭޓް ޝުކޫރުގެ އެ މައްސަލަތައް ބެލުމަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.
ޝުކޫރާ ބެހޭގޮތުން ހުށަހެޅިފައިވާ ހަތަރު ޝަކުވާއެއްގެ މައްސަލަ ބެލުމަށް ޖޭއޭސްސީން މިއަދު ވަނީ ނިންމައިފައެވެ. މީގެ ކުރިން ވެސް ޝުކޫރުގެ މައްސަލައެއް ބަލަމުންދާތީ، އެ މައްސަލައާއެކު އޭނާގެ ޖުމްލަ ފަސް މައްސަލައެއް ޖޭއެސްސީން ބަލަމުންދާނެއެވެ.
އޭނާގެ އިތުރުން ކ. ޖުޑީޝަލް ދާއިރާ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތައް ބެލުމަށް ކޮމިޓީއަށް ފޮނުވުމަށް ޖޭއެސްސީން މިއަދު ވަނީ ނިންމައިފައެވެ. އޭނާއާ ބެހޭގޮތުން 8 ޝަކުވާއެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.