ޚަބަރު

ބްރިޖް ޕްރޮޖެކްޓުގައި ބޭނުން ކުރުމަށް އެތެރެ ކުރި އުޅަނދަށް އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާނެ: ކަސްޓަމްސް

މަރިޔަމް ޝަހުދާ

ސިނަމާލެ ބްރިޖް ޕްރޮޖެކްޓުގައި ބޭނުން ކުރުމަށް އެތެރެ ކުރި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ އުޅަނދަށް އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިހެން ބުނެފައި ވަނީ އެކިއެކި ޕްރޮޖެކްޓު ތަކުގައި ބޭނުން ކުރުމަށް ވަގުތީ ގޮތުން އެތެރެ ކުރެވޭ އުޅަނދުފަހަރާ ބެހޭ ގޮތުން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައެވެ.

ކަސްޓަމްސް އިން އާންމު ކުރި ގޮތުގައި ކަސްޓަމްސްގެ ހުއްދައަކާ ނުލައި އެހެން ސަރަހައްދުތަކަށް މި އުޅަނދު ދަތުރުކުރާ ކަމުގެ މައުލޫމާތު ލިބުމުން އެ އުޅަނދު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށައް ގެނެސްފައެވެ. އަދި އެ މައްސަލަ ބަލައި، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އުޅަނދުގެ ވެރިފަރާތުން ކަސްޓަމްސްގެ އިޖުރާތުތައް ފުރިހަމަ ކުރުމަށް ފަހު މިހާރު އެ އުޅަނދު އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ. މީގެ އިތުރުން މި އުޅަނދުގެ ޑިއުޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ މިއަހަރު މޭ މަހު 27 ގައި ދައްކާ ހަލާސްކޮށްފައި ވާކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.