ސަރުކާރުން އަޅަން ނިންމާފައިވާ މާވަރުލު އެއާޕޯޓްގެ މަސައްކަތް އަވަސްކޮށްދެއްވުމަށް، ގދ. ގައްދޫ ކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވި ކަމަށެވެ.
އެގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި މާވަރުލު އެއާޕޯޓްގެ މަސައްކަތް އަވަސްކޮށްދިނުމާއި، ގައްދޫ ހޮސްޕިޓަލާއި މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމާއި، ރަށުގައި ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރުމާއި، ގައްދޫގެ ހިއްކި ބިން ސަރަހައްދު ހިމާޔަތްކުރުމާއި، ރަށާ ޖެހިގެން އޮންނަ އެއަތޮޅު ގަން، ދަނޑުވެރިކަމާއި ސިނާއީ މަސައްކަތްތައް ތަރައްގީކުރުމަށް ކައުންސިލާ ހަވާލުކޮށްދެއްވުމާއި، އަދި ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުން ހިމެނެއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ގައްދޫ ކައުންސިލުން އެދުނު ކަންކަމުގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ކައުންސިލަރުންނާ ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަދި ހުށަހެޅުއްވި ކަންކަމަށް، ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން ވީ އެންމެ އަވަހަކަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.