މިމަހު 18 ވަނަ ދުވަހު ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ދަފްތަރު ނަމްބަރު 2997، ޝައިމް އަބްދުﷲ ކުށުގެ ވެށިން ފެނުމާއެކު ހުށަހެޅީ ފުލުހުން ކަމަށް މިނިސްޓަރ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސް ޝީދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޝައިމް ގެއްލުނު މައްސަލައިގެ މައުލޫމާތު އާންމުންނާ ހިއްސާ ކުރުމަށް މިއަދު ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝިދާތާ ވިދާޅުވީ އެންމެ ފުރަތަމަ ޝައިމްގެ މައްސަލަ ޖެންޑާއަށް ހުށަހަޅާފައިވަނީ 2009 ވަނަ އަހަރު ކަމަށެވެ. އަދި އޭގެ ފަހުން އެތައް ފަހަރު މަތިން ޖެންޑާއިން އެކި ސަބަބުތަކާ ހުރެ ޝައިމްގެ މައްސަލަ ބަލާފައިވާނެ ކަމަށާއި 2015ގައި ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށަށް ޝައިމް ގެނެވިފައިވާ ކަމުގައިވެސް ޝީދާތާ ވިދާޅުވިއެވެ.
މިދިޔަ އަހަރުން ފެށިގެން ކުއްޖާ އުޅޭ ވަކި އެޑްރެހެއް ނޭނގުމުން ފުލުހުންގެ އެހީތެރި ކަމަށް އެދެފައިވާނެ ކަމަށާއި ކުއްޖާ ކުށުގެ ވެށިން ފެނުމުން އެ މައްސަލަ ޖެންޑާގެ ސަމާލުކަމަށް ފުލުހުން ގެނެސްފައިވަނީ ޝައިމް އުޅޭ އެޑްރެސް ހޯދުމަށް ޖެންޑާއިން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ ކަމަށް ޝީދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ ޝައިމް ހޯދުމަށް އޭރު ކުރެވުނު މަސައްކަތުން ފުލުހުންނަށް އޭނާ ފެނިފައިވަނީ މުޅިން އެހެން ކަމަކާ ގުޅިގެން ފުލުހުން ހިންގި ތަހުގީގެއްގައި ކުށުގެ ވެށިން ކަމަށެވެ. އަދި ކުއްޖާ އަލުން ޖެންޑާގެ ބެލުމުގެ ދަށަށް ގެނެވުނީ ކުށުގެ ވެށިންކަމަށް ވުމުން ހަދަންޖެހޭ އެސެސްމަންޓްތަކާ އަލުން ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށަށް ގެނައުމަށް ފުރިހަމަ ކުރަން ބޭނުން ކަންކަން ފުރިހަމަ ކުރުމަށް ޝައިމް ބެހެއްޓުނީ ކުޑަކުދިންގެ ހިޔާގެ ކުދިންނާއި ވަކިން ކަމަށް ޝިދާތާ ވިދާޅުވިއެވެ.
މިމަހު 18ގައި ޝައިމް ގެއްލުނު އިރު އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އިއުލާނު ކޮށްފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ. މިހާތަނަށް ޝައިމް ހޯދުމުގެ މަސައްކަތުގައި ފުލުހުން ވަނީ ތިން ގެއެއް ބަލައި ފާސްކޮށްފައެވެ.