ޚަބަރު

ފަސް ސިއްހީ މަރުކަޒެއް ހޮސްޕިޓަލަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިން ކުރާ ފަރާތްތަކާއެކު ސޮއިކޮށްފި

މަރިޔަމް ޝަހުދާ

އަތޮޅުތެރޭގެ ފަސް ސިއްހީ މަރުކަޒެއް ހޮސްޕިޓަލަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް ބީއޯކިއު ތައްޔާރުކުރުމަށް ދެ ފަރާތަކާއެކު ހެލްތު މިނިސްޓްރީން ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަތަރު ސިއްހީ މަރުކަޒެއް ހޮސްޕިޓަލަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކުރުމަށް އާކްއެންޖް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވެއެވެ. އެއީ ގދ. ގައްދޫ ސިއްހީ މަރުކަޒު، އދ. މާމިގިލި ސިއްހީ މަރުކަޒު، ޅ. ހިންނަވަރު ސިއްހީ މަރުކަޒު އަދި ހއ. އިހަވަންދޫގެ އައިމިނާ ދިޔޯ ސިއްހީ މަރުކަޒެވެ. ތ. ތިމަރަފުށި ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކުރުމަށް ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ އިޕޮކް އެސޯސިއޭޓްސްއާއެވެ.

މި ފަސް ސިއްހީ މަރުކަޒުގެ ތެެރެއިން ގައްދޫ، އިހަވަންދޫ އަދި ހިންނަވަރު ސިއްހީ މަރުކަޒުގެ ކުރެހުން ނިންމުމަށް ދީފައިވަނީ 66 ދުވަހުގެ މުއްދަތެކެވެ. އަދި މާމިގިލި ސިއްހީ މަރުކަޒުގެ ކުރެހުން ނިންމުމަށް 63 ދުވަހުގެ އަދި ތިމަރަފުށި ސިއްހީ މަރުކަޒުގެ ކުރެހުން ނިންމުމަށް 60 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ފަސް ސިއްހީ މަރުކަޒު އަލުން ޑިޒައިންކޮށް އެޅުމަށްފަހު ހުޅުވުމަށް ހަމަޖެހިފައިވަނީ ދަރަޖަ 1 ގެ ހޮސްޕިޓަލްގެ ގޮތުގައެވެ. އަދި ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ކުރުމަށް ފަހު އާ ހިދުމަތުގެ ގޮތުގައި އަންހެނުންގެ ހާއްސަ، ކުޑަކުދިންގެ ހާއްސަ، އޮޕަރޭޝަން، އެތެރެހަށީގެ އަދި ހޭނައްތާ ޑޮކްޓަރުގެ ހިދުމަތް ފެށޭނެއެވެ. މީގެ އިތުރުން ދަތުގެ ހާއްސަ ފަރުވާ، ޑައިލަސިސްގެ ހިދުމަތް، ފިޒިއޮތެރަޕީ ހިދުމަތް، އެމެޖެންސީ ރޫން އެކްސްރޭ ހިދުމަތް، ލޭބަރ ރޫމް އަދި އަލްޓްރާ ސައުންޑް ސްކޭން ފަދަ މުހިއްމު ހިދުމަތް އަލަށް ލިބިގެންދާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.