ޚަބަރު

މަސްތުވާތަކެއްޗާއެކު އައްޑޫ އިން މީހަކު ހައްޔަރުކޮށްފި

ފުލުހުން އައްޑޫގައި ހިންގި އޮޕްރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫ އިންނެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ ފޭދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގެ ތެރެއިންނެވެ.

ރޭ 22:45 ހާއިރު ހިންގި މި އޮޕަރޭޝަންގައި މި މީހާ ހައްޔަރުކޮށްފައިވަނީ މަގުމަތިން އޭނާ ހުއްޓުވުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރުމަށް ފަހުއެވެ. އޭނާ ބަލައި ފާސްކުރުމުން ފުލުހުންނަށް އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.