ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވައިފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ނެޝެނަލް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވައިިފިއެވެ.

ނައިބު ރައީސް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ތެލެސީމިއާ ސެންޓަރަށް ކުރެއްވި މި ޒިޔާރަތުގައި ނައިބު ރައީސް އެ ތަނުގެ މުވައްޒަފުންނާއި ބައްދަލު ކުރެއްވިއެވެ. އަދި ތެލެސީމިއާ ސެންޓަރުގެ ހާލަތު ބެއްލެވުމުގެ ގޮތުން ހިދުމަތްތައް ކުރިއަށްދާ ގޮތް ބެއްލެވިއެވެ. މީގެ އިތުރުން ސެންޓަރުގެ މެނޭޖްމަންޓް އަދި ހިދުމަތް ހޯދާ ބައެއް ފަރާތްތަކާ ނައިބު ރައީސް ބައްދަލު ކުރެއްވި އެވެ.

ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓާ ނައިބު ރައީސް ބައްދަލު ކުރެއްވުމުން މެނޭޖްމަންޓުން އެ ސެންޓަރަށް ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަމާއި، ވަސީލަތްތަކުގެ ދަތިކަން އަދި ތަނުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ނައިބު ރައީސްއާ ހިއްސާ ކުރި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ ސިއްހީ ދާއިރާ އަކީ ރައީސް ސޯލިހު އެންމެ އިސްކަން ދެއްވާ އެއް ދާއިރާކަމަށެވެ. އަދި ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓުން ފާހަގަ ކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.