އިބްރާހިމް ޒަކީ
ތިނެއް ނޮވެމްބަރު 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ކަމުގައިވާ، ހ. ހާޖަރާގެ ޢަބްދުﷲ ލުތުފީ ހުސްވި މެއި މަހުގެ އެއްވަނަ ދުވަހު ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލަ އިހުތިޔާރުގައި ހާޒިރުވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި އައުމަށް އެދޭކަމުގެ މައުލޫމާތު ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމާއިއެކު، އެކަން ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާ ވަގުތުން ހިއްސާކުރެވިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެހިނދުން ފެށިގެން، ސްރީލަންކާ ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް އެކަން ގެނެސް، ޤާނޫނީ އިމުގެ ތެރެއިން އަބްދުﷲ ލުތުފީ އަނބުރައި ރާއްޖެ ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ބާވަތުން، އޭނާ އަނބުރައި ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.
"މިގޮތުން، ޢަބްދުﷲ ލުޠުފީގެ މައްޗަށް އިންޓަރޕޯލްއިން ރެޑް ނޯޓިސް ނެރެފައިވުމުން، ބައިނަލްއަޤްވާމީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާޢަތްތަކެއް ހުއްޓެވެ. އަދި، ސްރީލަންކާގައި މީނާ ދިރިއުޅެމުން ދިޔައީ ސައްޙަ ވިސާއަކާ ނުލައި، ފިލައިގެންކަމުން، އިންސާނީ ޙައްޤުތަކުގެ މައްޗަށް ބިނާކޮށް އެޤައުމުގެ ޙިމާޔަތް ހޯދުމަށް މަސައްކަތްކޮށްފައިވުމުން، ލަންކާގެ ޤާނޫނުތަކުގެ ދަށުން ފުރިހަމަކުރަން ޖެހޭ މަރުޙަލާތަކެއް ހުއްޓެވެ. މީގެ އިތުރުން، ފާއިތުވި ސަރުކާރުން ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން، ދިވެހިރާއްޖެއާއި ސްރީލަންކާ ސަރުކާރާ ދެމެދު ވެފައިވާ ކުށްވެރިން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމުގެ ސައްޙަކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ޙަވާލުވި ދުވަސްވަރަކީ ސްރީލަންކާގައި ދިމާވި އީސްޓަރ ބޮމިންގގެ ހިތާމަވެރި ޙާދިސާއާ ދާދި އެއްދުވަސްވަރެއް ކަމަށް ވުމީ، މިކަމުގައި ދިމާވި އިތުރު ހުރަހެއްކަމުގައިވެސް ދަންނަވަމެވެ. ވުމާއެކު، ޢާއްމު ފަރުދަކު އަމިއްލަ އިޚްތިޔާރުގައި އެނބުރި ރާއްޖެ އައުމުގައި ޢާއްމުގޮތެއްގައި ޢަމަލުކުރާ އުސޫލާއި ހހިލާފަށް، އަބްދުﷲ ލުޠުފީ އަނބުރާ ގެނައުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.،" ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނެީ އެ ގޮންޖެހުންތައް ހުރިނަމަވެސް، ފުރަތަމަ ދުވަހުން ފެށިގެން ލުތުފީ އަނބުރައި ރާއްޖެ ގެނައުމުގެ މަސައްކަތް ފެށި، އޭނާ ބެލެހެއްޓުމުގެ ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އެކަށައެޅިފައިވާ ބައިނަލްއަގްވާމީ އިޖުރާޢަތްތައް ފުރިހަމަކޮށް، ސްރީލަންކާ އާއި، ދިވެހިރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން، ވީއެންމެ އަވަސް ފުރުސަތެއްގައި އޭނާ އަނބުރައި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރެވެމުންދާ ކަމަށްވެސް ފޮއިިން މިނސިްޓްރީން ވަނީ ބުނެފައެވެ.