އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަހުނިޔާ ފޮނުއްވަވައިފި އެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި އެމްޑީޕީގެ ކުރީގެ އަދި މިހާރުގެ މެންބަރުންނަށް އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކަމަށެވެ. މި ޓުވީޓުގައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ 14 އަހަރުގައި ރައްޔިތުން އެދޭ ހެޔޮ ބަދަލެއް ގެނައުމަށް ޕާޓީގެ ހުރިހާ މެންބަރުން އެތައް ގުރުބާނީއެއް ވެފައިވާ ކަމަށެވެ. އަދި ކުރިއަށް ކުރަން ހުރި މަސައްކަތް ވަރަށް ގިނަކަމަށް ރައީސް ފާހަގަ ކުރައްވާފައި ވެއެވެ.
އެމްޑީޕީ އަށް 14 އަހަރު ފުރުމުގެ މުނާސަބާގައި އެޕާޓީން މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެބިނެޓް މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައި ވެއެވެ.