އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށް، ހަސަން ލުތުފީ އިސްތިއުފާ ދެއްވައިފިއެވެ.
ލުތުފީ އިސްތިއުފާ ހުށަހަޅުއްވާފައިވާކަން ރައީސް އޮފީހުންވެސް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.
ރައީސުލް ޖުމްހޫރިއްޔާފެ ތަރުޖަމާނު އިބްރާހިމް ހޫދު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މައިލްއަކުން ލުތުފީގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފިއެވެ.
ހަސަން ލުތުފީ އިސްތިއުވާ ދެއްވާފައި މިވަނީ، އޭސީސީގެ މެންބަރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިއްޔެ ފާސް ކޮށްފައި ވަނިކޮށެވެ.
ޗުއްޓީ އާއި ސަލާމްގައި ނޫންގޮތަށް، އޭސީގެ އެއްވެސް ބައްދަލުވުމަކަށް ވަޑައިނުގެން އަދި އޮފީހަށްވެސް ވަޑައިނުގެން ގިނަދުވަސްތަކެއް ވެފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގަައި ބަހުސް ކުރުމަށްފަހު، ލުތުފީ އޭސީސީގެ މެންބަރުކަމުން ވަކިކުރަން ފާސް ކޮށްފައި ވަނީ އެކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީގައި ކުރިޔަށްދިޔަ ބަހުސްގައި ލުތުފީ ކޮމިޝަނުން ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވީ، މިމަހު 19 ވަނަ ދުވަހު އެ ކޮމިޓީން އޭސީސގެ މެންބަރުންނާ ބައްދަލުކޮށް ދިން މައުލުމާތުތަކަށް ބިނާކުރާއިރު ލުތުފީ މެންބަރުކަމުން ވަކިކުރަންޖެހޭ ކަމަށެވެ.
އެގޮތުން ސަލާމާއި ޗުއްޓީ ހަމަވެ، މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހަކުން ފެށިގެން ވަޒީފާއަށް ނުނިކުންނަވައި، ކޮމިޝަނަށް އަދި ކޮމިޝަނުގެ ނާއިބުރައީސަށް ލުތުފީ އެއްވެސް އެއްޗެއް އަންގަވާފައި ނުވާ ކަމަށެވެ.
އަދި ކޮމިޓީގެ ރައީސްގެ ޒިންމާތަކުގެ ތެރޭގައި، ކޮމިޝަންގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓެވުމާއި، އެކިއެކި މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށް ހަވާލު ކުރުން ހިމެނޭ އިރު، ލުތުފީއަށް ކޮމިޝަންގެ ރައީސްކަމުގެ ޒިންމާ އަދާކުރެފައިނުވާ ކަމަށެވެ.
މެންބަރު ވިދާޅުވީ، އޭސީސީގެ މެންބަރުން ވަކިކުރުމަށް، ގާނޫނުއަސާސީގެ 207 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތަކީ، މެންބަރު ކަމުގެ މަގާމާ އެކަށީގެން ނުވާފަދަ އަމަލެއް ހިންގުން ނުވަތަ، މަގާމު އަދާކުރުމަށް އުޒުރުވެރިވާ ފަދަ ހާލަތެއް ކުރިމަތިވުން ކަމަށްވާއިރު، ގާނޫނުގައި ބުނާ، މަގާމު އަދާކުރުމަށް އުޒުރުވެރިވާ ފަދަ ހާލަތެއް ލުތުފީއަށްވެސް ދިމާވެފައިވާކަަމަށެވެ. އެހެެންކަމުން ލުތުފީ އޭސީސީގެ މެންބަރުކަމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން މެންބަރު ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް އެވަގުތު ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުން ތާއީދު ކުރެއްވިއެވެ.