ޚަބަރު

ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނާ ހިލާފްވި ކަންކަން ނުބަލާތީ، ކުއްލި މައްސަލައެއް ހުށަހަޅައިފި

އިބްރާހިމް ޒަކީ

2

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި ހިނގައިދިޔަ، ކޮރަޕްޝަނާއި ގާނޫނާ ހިލާފް ކަންކަން ހިނގައިދިޔަގޮތް ނުބެލި އެކަންތައްތަކަށް ޝަރީއަތް ހިންގުން ލަސްވާ މައްސަލައިގައި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސްފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ހުށަހެޅުއްވި މި ކުއްލި މައްސަލައިގަ ބުނެފައިވަނީ، ޖިނާއީ ތުހުމަތުތަކެއް ކުރެވިފައިވާ އެތައްބައެއްގެ ގިނަ މައްސަލަތަކެއް ޝަރީއަތުގެ މަރުހަލާގައި، ނުނިމި ލަސްވަމުންދާކަމީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެއް ކަމަށެވެ.

އަދި ވައްކަމާއި ކިޔާނާތާއި މަނީލޯންޑްރިންގެ ބޮޑެތި މައްސަލަތަކުގެ އިތުުރުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ހިނގާދިޔަ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފް އެތައް ކަމެއްގެ އިތުރުން ރެކޯޑް މިންވަރަަކަށް ދައުލަތުން ކުރެވުނު ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ އިތުރުން ދިވެހި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ގަޑުބަޑުކޮށް ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އިތުރު ފަނޑިޔާރެއް ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މުހައްމަދު ވަހީދު ވިދާޅުވީ، ދެފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެތައްސަތޭކަ ބަޔަކު ހައްޔަރުކޮށް، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލައި ހިނގައިދިޔަ އެތައްއެތައްކަމެއްކެ ޖަވާބު ލިބުުން އެެއީ ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގެއްކަމަށްވާއިރު މިކަންކަން ނުބެލި، ޝަރީއަތް ނުކުރެވި ދިގުލައިގެން ދިއުމަކީ، ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.

މި މައްސަލައާމެދު ބަހުސް ކުރުމަށް ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 64 މެންބަރުންވަނީ ބަހުސްކުރަން ފެންނަކަމަށް ވޯޓު ދެއްވައިފައެވެ. އަދި މި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް އެންމެ މެންބަރަކު ވަނީ ވޯޓު ދެއްވައިފައެެވ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟